އެމްއެމްޕީއާރްސީ ޚިޔާނަތުގެ މައްސަލާގައި ހުކުމް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ފިއްލަވަން މަސައްކަތް ކުރެއްވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ފިއްލަވާފާނެ ކަމުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުން މިހެން ބުނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކުރުމުގައި ޚިޔާނާތް ވެފައިވާ ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގައެވެ. މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި ޝަރީއަތުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް އެދިފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑާ ކުރި ކަމަށް ބުނާ މައްސަލަ ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން އިއްވާފައިވާ ހުކުމް މިދިޔަ ނޮވެމްބަރު މަހު 30ގައި ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލު ކުރުމާއެކު ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތަށް ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ.
ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރަކަށް ދައުލަތުން މިއަދު އެދުނީ ނޮވެމްބަރު 30 ވަނަ ދުވަހު ނެރުނު އެ އަމުރުގެ މުއްދަތު ހަމަވާން ކައިރިވުމާއެކުއެވެ.
ދައުލަތުން މިއަދު ކޯޓުގައި ބުނީ ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ހުރުމާއި ރައީސް ޔާމީން ރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ރައީސް ޔާމީން ފިލައިގެން ގޮސްފާނެކަމަށް ބެލެވޭ ސަބަބުތަކުގެ ތެރޭގައި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވި ދައުވާ އުފުލާފައި ވަނިކޮށް އަދީބު ރާއްޖެ ދޫކޮށް ފިއްލަވަން މަސައްކަތް ކުރެއްވި ކަން ދައުލަތުން ފާހަގަކޮށްފައި ވެއެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ ފިއްލަވައިގެން ދާން އެމަނިކުފާނު ކުރެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށާއި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ފޯމުގައި ނެތްއިރު، ފުލުހުންނަށް ލިބިފައި ހުރި ހެކިތައް އެނގެން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހެކިތައް ނުލިބި ދިފާއު ނުވެވޭނެ ކަމަށް ވެސް އެމަނިކުފަނު ވިދާޅުވެފައި ވެއެވެ.
މި މައްސަލާގައި ދެ ފަރަތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރައްވާ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވަނީ މި މައްސަލާގައި ގޮތެއް ނިންމާނީ މިއަދު ހަވީރު 4:00ގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ވިދާޅުވެފައެވެ.
މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، ދެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް މި ދެ ދައުވާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ކަންކަމާ ގުޅިގެން މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާއެއް ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވެއެވެ. މި މައްސަލާގައި 2020، ޖޫން 28 ގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، ޝަރީއަތްތައް މިވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެއެވެ.
މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށްވެސް ދައުވާއުފުލާފައިވާއިރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ މަސްލަޙަތު އޮންނަ ދެ ކުންފުންޏެއްގެ މައްޗަށްވެސް މި މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ.
ފުއްގިރި މައްސަލާގެ އިތުރުން ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކޮށް އެ މުއާމަލާތުގެ ތެރޭގައި ރިޝްވަތު ނަގާ މަނީ ލޯންޑަށް ކޮށްފައިވާ މައްސަލާގައި ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ދައުވާ ކޮށްފައި ވަނީ ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރީ 2021، ނޮވެމްބަރު 24ގައެވެ. މި މައްސަލައިގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.