ރާއްޖޭގައި އަލަށް ޖީން ސީކުއެންސިން ޓެސްޓު ހަދާނެ ނިޒާމު ގާއިމްކޮށް މެޑިފްލެކްސް ލެބޯޓްރީއިން އެކަމަށް ތައްޔާރުވެއްޖެއެވެ.
މެޑިފްލެކްސްގެ އިސް އޮފިޝަލަކު "ޖަޒީރާ" އަށް ވިދާޅުވީ މެޑިފްލެކްސް އިން މިހާރު އެކަމަށް ތައްޔާރުވަމުން އަންނަތާ ދެތިން މަސްވެއްޖެ ކަމަށެވެ. އެގޮތުން ޓެސްޓު ރައުންޑްތައް ކުރަމުން އަންނަ ކަމަށާއި، ރާއްޖެއިން ފެނުނު އޮމްރިކަން ވޭރިއަންޓްގެ ސާމްޕަލްއަކީ ވެސް މެޑިފްލެކްސް އިން ޓެސްޓުކުރި ސާމްޕަލްއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އަޅުގަނޑުމެން މީ ހަމަ ކޮވިޑް ޕީސީއާރް ހަދާ ލެބެއް ވީމަ އަޅުގަނޑުމެން އަތުގަ ހުރި އެންމެ ރީސަންޓްޕޮޒިޓިވް ސާމްޕަލްތައް ބޭނުންކޮށްގެން އަޅުގަނޑުމެން އޮމްރިކަން އަށް ޓެސްޓު ރައުންޑެއް ހެދިން މިދިޔަ ހަފްތާގަ. އޭގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ހައިލީ ސެންސިޓިވް ސާމްޕަލްއެއް ފެނިގެން އެންގިން.
އޭނާ ވިދާޅުވީ ޓެސްޓު ރައުންޑްތަކުގައި ލިބިފައިވާ ނަތީޖާތަކާއި އެކު ހުރިހާ ލިޔެކިޔުމެއް ހެލްތު މިނިސްޓްރީ އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި ހުއްދަ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މެޑިފްލެކްސްއިން ޓެސްޓުކުރަނީ ސީކުއެންސިންގައި އެމެރިކާގެ އެންމެ ނަން މަޝްހޫރު ކުންފުނި އިލުމިނާއާ ގުޅިގެންނެވެ. އަދި އެ ކުންފުނީގެ ފަރާތުން ރާއްޖެ އައިސް މެޑިފްލެކްސްގެ މުވައްޒަފުންނަށް އެއް ހަފްތާގެ ޓްރެއިނިންއެއް ހިންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މެޑިފްލެކްސްއިން މި ހިދުމަތް ފެށުމާއި އެކު މި ވާނީ ރާއްޖޭގައި މި ހިދުމަތް އަލަށް ފަށާ ފަރާތަށެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ އެކި ވޭރިއަންޓްތައް ދެނެގަތުމަށް ވެސް ޓެސްޓުހަދަން ފޮނުވަނީ އަވަށްޓެރި އިންޑިއާއަށެވެ.