މާލޭ މަގުމަތި ފޮޓޯ: ސަން

ރާއްޖެއިން ކޮވިޑް-19ގެ އައު ވެރިއަންޓް، އޮމިކްރޯންގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭ ގޮތުގައި މި ކޭސް ފެނިފައި ވަނީ ރާއްޖެއިން ޕޮޒިޓިވް ވި ފަތުރުވެރިއެއްގެ ކިބައިން ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވާއިރު، އިތުރު މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ޕޮޒިޓިވް ވަނީ ކޮވިޑްގެ ކޮން ވޭރިއަންޓެއް ޖެހިގެންތޯ ބެލެނީ ޖިނޯމް ސީކުއެންސިން ހެދުމުންނެވެ. ރާއްޖޭގައި ޖިނޯމް ސީކުއެންސިން ހެދުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާއިރު، ސީކުއެންސިންއަށް ރާއްޖެއިން ހަފްތާއަކު 50 ސާމްޕަލް އިންޑިއާއަށް ފޮނުވައެވެ. އިންޑިއާއަށް ފޮނުވާ ސާމްޕަލްތަކުގެނަތީޖާ ލިބެނީ ދެތިން ހަފްތާ ފަހުންނެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިއުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

މި ހަތް ގައުމުން ސީދާ ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ ތެރެއިން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

0
1
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *