އިންޑިއާގެ 5 ސަރަހައްދަކުން ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯންގެ 21 ޕޮޒިޓިވް ކޭސް ފެނިއްޖެއެވެ.

އިންޑިއާއިން އޮމިކްރޯން ވޭރިއަންޓް ފެނިފައި ވަނީ ކަރްނާޓަކާ، ގުޖްރާތް، މަހަރަޝްތާގެ އިތުރުން ދިއްލީ އަދި ރާޖިސްތާނުންނެވެ. ގުޖްރާތާއި ދިއްލީން މިހާތަނަށް ފެނިފައި ވަނީ އޮމިކްރޯން ވޭރިއަންޓުގެ އެއް ކޭސްއެވެ. އަދި ކަރްނާޓަކާއިން ދެ ކޭސް ފެނިފައިވާއިރު، މަހަރަޝްތާއިން 8 ކޭސް ފެނިފައި ވެއެވެ.

ހަމައެއާއެކު ރާޖިސްތާނުން ވަނީ އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވާ 9 ކޭސް ފެނިފައެވެ.

އިންޑިއާއިން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ ގައުމުތަކުގެ ތެރެއިން ސްރީ ލަންކާ، މެލޭޝިޔާ އަދި ދުބާއީން ވެސް މި ވޭރިއަންޓް ފެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިއުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

މި ހަތް ގައުމުން ސީދާ ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ ތެރެއިން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *