ކްލިކް ކޮލެޖްގެ ސްޕޯޓްސް ފެސްޓިވަލް- މާޝަލް އަރޓްސް ހަރަކާތުގެ ތެރެއިން

ކްލިކް ކޮލެޖުން ކުރިއަށް ގެންދިޔަ ސްޕޯޓްސް ފެސްޓިވަލްގައި ނަސޯރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ފުލުހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅާފައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަިއ ބެލުމަށެވެ. އެ މިނިސްޓްރީން ބުނީ ހަރަކާތްތައް އިންތިޒާމު ކުރާއިރު މިފަދަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ. އެ މިނިސްޓްރީން ވަނީ އެކި އެކި ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ދީނާ ޚިލާފު ކަންކަން ނުހިނގާނެގޮތަށް އިންތިޒާމު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

މި މައްސަލަ ގުޅިފައިވާ ޖަމްއިއްޔާތަކުން (ރައްޔިތުންގެ އިއްތިހާދު) ވެސް ވަނީ ފުލުހަށް ހުށަހަޅާފައެވެ. އެ ޖަމްއިއްޔާއިން ބުނީ މިއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ކްލިކް ކޮލެޖުގެ މި ހަރަކާތުގެ މައްސަލަ ބަލާ، ގާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާ ދިނުމަށް އެ ޖަމްއިއްޔާއިން އެދިފައި ވެއެވެ.

ކްރިސްޓިއަން ދީނަށް ތާއިދު ކުރުން ރަމްޒުކޮށްދޭ ލަވައެއް އާންމުންނަށް ހުޅުވާލާފައިވާ ސެންޓްރަލް ޕާކުގައި ޖަހާފައި ވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކްލިކް ކޮލެޖުން ހުކުރު ދުވަހު ބޭއްވި ސްޕޯރޓްސް ފެސްޓިވެލްގައި މާރޝަލްއާރޓްސް ހަރަކާތް އޮތް ވަގުތު ޖެހިލަވަ އަކީ އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ. އަދި އިވެންޓުގެ ސައުންޑާއި ހަވާލުވެގެން ތިބިފަރާތަށް މިކަން އެނގުމުން ބަދަލު ކުރިކަން އެ ކޮލެޖުން ފާހަގަ ކޮށްފައި ވެއެވެ. އެ ކޮލެޖުން ވަނީ މިކަމަށްޓަކައި އެންމެ ރައްޔިތުންގެ ފަރާތުން މައާފަށް އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *