ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި، އިހުސާންތެރިކަމާއި، އޯގާތެރިކަން އިސްކޮށް ފެނަކައިން ކުރަމުންދާ އިޚުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރުމަށް ފެނަކަ ކޯޕަރޭޝަން އަށް ރިވެލި އެވޯޑް ދީފިއެވެ.

ރިވެލި އެޥޯޑް އަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑެކެވެ. މި އެވޯޑް ފެނަކައިން ހާސިލުކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިންނެވެ.

ފެނަކައިން މައުލޫމާތުދޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ބަލައިގަންނަ ބަޔަކަށް ހަދައި، އެފަރާތްތަކުގެ އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުންކުރާނެ ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށާއި، އެފަދަ ފަރާތްތައް މުޖުތަމައުން އެކަހެރިކުރެވެމުން ދިޔަދިޔުން ނިމުމަކަށް ގެނެސް، އިންސާނީ ހައްގުތަކުގެ ރޮނގުން އެފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ލިބިދެވޭކަން ކަށަވަރު ކުރުމުގެ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ދަނީ ކޮންމެ ރަށެއްގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ދެނެގަނެ، ކަމާގުޅޭ އިދާރާތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ މައުލޫމާތު ވަޒަންކޮށް، އެފަރާތަކަށް އެވަގުތައް ބޭނުންވާ އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެފަރާތަކަށް އެންމެ އެކަށީގެންވާ ވަޒީފާއެއް އެ ކުންފުނިން ހަމަޖައްސައިދިނުން ނުވަތަ އެފަރާތެއްގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ފެނަކައިން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށްފަހު އެފަރާތްތައް ވަޒީފާގައި ގެންގުޅޭއިރު، މުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދިނުމުގައި އެއްވެސް މިންވަރަކަށް އެހެން މުވައްޒަފުންނާއި ތަފާތުކުރުން ނުގެންގުޅޭކަން އެ ކުންފުނިން ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެފަދަ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތަކެއް ރާވަމުންދާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފެނަކައިން ވަނީ ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން ނިންމާ އެންމެހައި ނިންމުންތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަބަދުމެ ދެއްވަމުންގެންދަވާ އަގުހުރި ލަފަޔާއި އިރުޝާދު ފާހަގަކޮށްފައެވެ. އަދި އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *