ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި މައުރަޒަށް ރައީސް ސޯލިހް ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ 'މޯސްޓް ވައިބްރަންޓް އާޓިސްޓްސް" އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ 'ވަރޗުއަލް ގެލެރީ' އިފްތިތާހުކޮށްދެއްވާފައެވެ. މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން "އަންވެއިލިންގ ވިޝަންސް 2021" އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި ހަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *