ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ނޮވެމްބަރު 30 އިން ޑިސެމްބަރު ތިނަކަށް ކުރިއަށްދާ ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ 24 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި އެސެމްބްލީގައި، މިހާރު ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މެމްބަރުޤައުމުތަކުގެ މެދުގައި މަޝްވަރާކުރިކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ފެނުން އެކަށީގެންވާކަމާއި، ފެންނަ ވޭރިއަންޓްތަކާއި ގުޅިގެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ.

މި އެސެމްބްލީގެ ޕްލިނަރީ ސެޝަންތަކުގައި ކުރިއަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި ޔޫ.އެން.ޑަ ބްލިއު.ޓީ.އޯގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލަލިކަޝްވީލި އިތުރު ހަތަރު އަހަރުގެ ދައުރަކަށް ސިއްރު ވޯޓަކުން އިންތިޚާބު ކުރިއެވެ. އަދި 26 މޭއި 2021 ގައި ސައުދި އަރަބިޔާގެ ރިޔާދުގައި ހުޅުވި ޔޫ.އެން.ޑަ ބްލިއު.ޓީ.އޯގެ އޮފީހަކީ މިޑްލް އީސްޓްގެ ޔޫ.އެން.ޑަ ބްލިއު.ޓީ.އޯގެ ރީޖަނަލް އޮފީހުގެ ގޮތުގައި ނިންމާފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޖެނެރަލް އެސެމް ބްލީގައި ބޭއްވި މުޙިއްމު އެއް އިވެންޓްގެ ގޮތުގައި މުސްތަޤުބަލުގެ ފަތުރުވެރިކަމާއި ގުޅުވައިގެން "ބިލްޑިންގ ފޮ ދަ ފިއުޗަރ އިނޮވޭޝަން، އެޑިއުކޭޝަން އެންޑް ރޫރަލް ޑިވޮލޮޕްމަންޓް"ގެ ނަމުގައި ބޭއްވި ތީމެޓިކް ސެޝަން ފާހަގަކޮށްލެވެއެވެ.

ޑިސެމްބަރު 2 ގައި  ބޭއްވި ތީމެޓިކް ސެޝަން ފެށުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ  ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒާއި ޔޫ.އެން.ޑަ ބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ޒުރާބް ޕޮލަލިކަޝްވީލި އަދި ޑަ ބްލިއު.ޓީ.ޓީ.ސީގެ ޕްރެޒިޑެންޓް އަދި ސީ.އީ.އޯ ޖޫލިއާ ސިމްޕްސަން ތަޤްރީރުކުރެއްވިއެވެ.

މި ތީމެޓިކް ސެޝަންގައި ކޮމިއުނިޓީ  ބޭސްޑް ރޫރަލް ޓޫރިޒަމް އާއި ގުޅޭ ޕެނަލް ޑިސްކަޝަންސްތައްވެސް ވަނީ ބައްވާފައެވެ. އެގޮތުން  ބޭއްވި އެއްސެޝަންއެއް ކަމުގައިވާ " ޔޫތު މީޓްސް މިނިސްޓަރސް ޑިބޭޓް"ގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލްއާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުالله މަޢުޞޫމް ގެ އިތުރުން އެހެން ޤައުމުތަކުގެ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ. މިބަހުސްގައި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ޒުވާނުންނަށް ފަތުރުވެރިކަމުގެ ރޮގުން ކުރިއަށް ދިޔުމަށް ހުރި
ފުރުޞަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

24ވަނަ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރގެ އިތުރުން ޔޫރަޕްއިން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ޞޯބިރުއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕާރމަނެންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އާއި އެގްޒެކަޓިވް ޑިރެކްޓަރ  ފަޟީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫ.އެން.ޑަ ބްލިއު.ޓީ.އޯގެ ޖެނެރަލް އެސެމްބްލީ ދެން އޮންނާނީ 2023 ވަނަ އަހަރުއެވެ. އެގޮތުން 2023 ވަނަ އަހަރު 25 ވަނަ ޖެނެރަލް އެސެމްބްލީ  ބާއްވާނީ އުޒްބަކިސްތާނުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.