ރާއްޖޭގެ ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުން ދިވެހި 8 އޮޑިޓް ފާމް އަކާ ހަވާލުކޮށްފި އެވެ.
2020ގެ ފައިނޭންޝަލް އޮޑިޓާއި 2021ގެ ކޮމްޕްލަޔަންސް އޮޑިޓްކުރުން ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި  ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއެވެ.
ލޯކަލް ކައުންސިލްތަކުގެ އޮޑިޓް ބިޑް ކާމިޔާބު ކޮށްފައިވަނީ ދިވެހި 8 އޮޑިޓްފާމް އަކުންނެވެ. އެ ފާމްތަކަކީ ކްރޯ މޯލްޑިވްސް، އެފް.ޖޭ.އެސް އެސޯސިއޭޓްސް، އެމް.އެޗް.ޕީ.އޭ، އެފް.ސީ. އެލް.އެލް.ޕީ، މައިލްސް އެންޑް އެސޯސިއޭޓް، ޕްރޫޑަންޓް ޗާޓާޑް، މެކްރޯ އެޝުއަރަންސް އަދި އޮޑިޓް ސްޓޭންޑާރޑް އެލް.އެލް.ޕީ އެވެ. އެގޮތުން 110 ލޯކަލް ކައުންސިލްގެ 2020ވަނަ އަހަރުގެ ފައިނޭންސިއަލް ސްޓޭޓްމަންޓް އޮޑިޓް އަދި 2021ވަނަ އަހަރުގެ ކޮންޕްލަޔަންސް އޮޑިޓް ވަނީ 30 މެއި 2022ގެ ކުރިން ނިންމުމަށް ފާމްތަކާ ހަވާލުކޮށްފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓްތައް ކުރިކަމުގައި ވިޔަސް އޭގެ ކުރީ އަހަރެއްގެ ސްޕެޝަލް އޮޑިޓެއް އައިސްފި ކަމުގައި ވާނަމަ އެ އޮޑިޓް ކުރައްވާނެ ކަމަށެވެ.
އޮޑިޓްތައް އައުޓްސޯސްކުރުމާ ގުޅޭގޮތުން ވިދާޅުވީ، މިކަން މިގޮތަށް ކުރައްވާފައިވަނީ އޮފީހަށް އިތުރު ސްޓާފުން ވައްދައި ދައުލަތަށް އިތުރު ހަރަދުތަކެއްކުރުމުގެ ބަދަލުގައި އޮޑިޓްގެ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އެބޭފުޅުން ކުރައްވާ އޮޑިޓްތައް، އޮޑިޓް އޮފީހުން ރިވިއުކޮށް އޮޑިޓްތައް ނެރުމުގެ ވިސްނުންފުޅުގައި ކަމަށެވެ.
މީގެ އިތުރުން އައުޓްސޯސްކުރާ އޮޑިޓް ފާމްތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅު ކަމުގައިވާނަމަ 2022ގެ އޮޑިޓްތައްވެސް ކޮންޓްރެކްޓް އުސޫލުން ހުޅުވާލައި 2 އަހަރަށް ނުވަތަ 3 އަހަރަށް ހަވާލުކުރާނެ ކަމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.
ކޮވިޑާއި ގުޅިގެން މަޑުޖައްސާލެވިފައިވާ ކައުންސިލްތަކަށް ބާއްވާ ޓްރޭނިންގް ތައްވެސް 2022ވަނަ އަހަރު ކައުންސިލްތަކާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެލް.ޖީ.އޭ ގެ ސީ.އީއޯ އަފްޝަން ލަތީފް ވިދާޅުވީ، އެލް.ޖީ.އޭއިން ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއްދެއްވާ ކަމަށެވެ. ކައުންސިލްތައް ޒިންމާދާރު ކުރުމަށް ފައިނޭންޝިއަލް ރެސްޕޮންސިބިލިޓީގެ ވާހަކަ ދައްކާއިރު އެކަން ފުރިހަމަކުރުމަށްޓަކައި އެންމެ އިސްރޯލެއް އަދާކުރެއްވޭނީ އޮޑިޓަރ ޖެނެރަލަށް ކަމުގައި އަފްޝަން ވިދާޅުވިއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.