ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙު ކޮށްދެއްވާފައިވަނީ، ހިރިމަރަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އާއި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުޤަފޫރު މޫސަ އާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖް، އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދް އެވެ. މި ރަސްމީޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހިރިމަރަދޫ އަށް ގެންގޮސް ފެނުގެ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 32 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރގެ ދިގު ފެންހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.12 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނުން ހިމެނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލުކުރުމަށްބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މިމަޝްރޫޢުގެ އަގަކީ 69.14 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.