"ތަސްވީރު: މޯލްޑިވްސް ތްރޫ އާޓް" އެގްޒިބިޝަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިންލޯންޗްކޮށްފިއެވެ.
އެގްޒިބިޝަން ލޯންޗްކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ޗީފް އޮޕަރޭޓިން އޮފިސާ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ތައްޔިބު، ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު އަދި އެމްއެމްޕީއާރުސީއާއި އެޗްޑީސީގެ އިސް އޮފިޝަލުންނާއި، މުވައްޒަފުން އަދި މީޑިއާއިން ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސީއީއޯ އަދި އެމްޑީ ވަނީ އެޗްޑީސީގެ އެމްޑީ އަށް އެގްޒިބިޝަންގައި ބޭނުންކުރާ ސްޓޭންޑުތައް ހަވާލްކުރުމަށް ރަމްޒީ ޓޯކަންއެއް ހަދިޔާކޮށްފައެވެ. މި ސްޓޭންޑުތައް ހަދިޔާކޮށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބެހެއްޓުމުގެ މަޤްސަދަކީ މުސްތަޤްބަލުގައި ފަންނާނުންގެ އާޓްވޯކްތައް ސެންޓްރަލް ޕާކުގައި އާންމުކޮށް ފެންނަ ގޮތައް ބެހެއްޓުމަށް ފުރުސަތު ދިންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މި ރަމްޒީ ޓޯކަން އެޗްޑީސީގެ އޮފިޝަލުންނަށް އެރުވުމަށްފަ، ތަސްވީރު އެގްޒިބިޝަންގެ ކުރެހުންތައް ރަސްމިއްޔާތުގެ ބައިވެރިން ވަނީ ބައްލަވާލައްވާފައެވެ. އެއަށްފަހު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވައި ކުރެހުމުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންގޮސްފައެވެ.
ތަސްވީރު އެގްޒިބިޝަންގެ ކުރެހުންތައް ސެންޓްރަލް ޕާކުގައި އެޗްޑީސީގެ ބެލުމުގެ ދަށުން މިއަހަރު ނިމެންދެން ބެހެއްޓިފައި ހުންނާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. ސެންޓްރަލް ޕާކްގައި މިފަދަ ސްޓޭންޑުތަކެއް ބެހެއްޓުމުގެ ބޭނުމަކީ މުސްތަޤުބަލުގައި އެހެންފަންނާނުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމަށް ހާއްސަ ޖާގައެއް އެކުލަވާލުންކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީގެ އިސްނެގުމުގެ ދަށުން އިންތިޒާމްކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ، މެކްއާއި ގުޅިގެންނެވެ. ޖުލައި 15އިން އޯގަސްޓް 15 އަށް ކުރިއަށް ގެންދިޔަ މި މުބާރާތަށް ވަނީ 110 ކުރެހުން ހުށަހަޅާފައެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތުގެ ވަނަތައް ވަނީ ހޮވާފައެވެ.
މި މުބާރާތުގެ ލޯކަލް ކެޓަގަރީ އިން އެއް ވަނަ އަށް ހޮވިފއިވަނީ އަހްމަދު އިހްސާ އެވެ. ދެވަނަ އަށް ހޮވިފައިވަނީ އާމިނަތު ރޫބާ އަލީ އެވެ. އިންޓަނޭޝަނަލް ކެޓަގަރީއިން އެއް ވަނަ ލިބިފައިވަނީ އިންޑިއާގެ މަލާރު ވިޓީ ކަޑަރުކަރައިޕަންޑައި އަށެވެ. މި ކެޓަގަރީން ދެވަނަ ލިބުނީ ޕޮލޭންޑްގެ ކެރޮލީނާ ޕައިސްއެވެ. މި މުބާރާތުން އެއްވަނައަށް ދިޔަ ކުރެހުންތެރިންނަށް ލިބުނު އިނާމަކީ 3000 ޑޮލަރެވެ. ދެވަނައަށް ދިޔަ ކުރެހުންތެރިންނަށް 2000 ޑޮލަރު ވަނީ ދީފައެވެ.
ތަސްވީރު މުބާރާތަކީ، ދިވެހިރާއްޖެ އަކީ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، އެކި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިޔާތަކުގައިއެމްއެމްޕީއާރުސީ ގެ އެންގޭޖްމެންޓް އިތުރުކުރުމަށް އެކުލަވާލާފައިވާ ސޯޝަލް މީޑިޔާ ސްޓްރެޓެޖީގެ ދަށުން މުޅިން އަލަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މިމުބާރާތުގެ އަމާޒަކީ ދިވެހި އާޓިސްޓް ކޮމިއުނިޓީއަށް ހިތްވަރާއި އެއްބާރުލުން ދިނުމާއެކު، އެކި މީޑިއަމްތަކުގެ އާޓްވޯކް މެދުވެރިކޮށް ދިވެހިރާއްޖެ އާއި، ރާއްޖޭގެ ގުދުރަތީ އީކޯސިސްޓަމްތަކުގެ ހިތްގައިމުކަމަށް އަލިއަޅުވާލުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.