މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ބްރިޖް ވިއުއިން ޕްލެޓްފޯމް، ނިއުޕޯޓް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ އުފުލުމަށްސް އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފިއެވެ.

މި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައިވަނީ ބައެއް ކަންކަން އިސްލާހުކޮށް އިތުރަށް ފުރިހަމަ ކުރުމަށްޓަކައެވެ. ދައުވާ ކޮށްދިނުމަށް އެދި ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހަށް ހުށަހަޅާ ބައެއް މައްސަލަތަކަށް އިސްލާހު ގެނެސް، އިތުރަށް ފުރިހަމަ ކުރުމަށް މީގެ ކުރިން ވެސް އަނބުރާ ފޮނުވައެވެ.

މުއިއްޒުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވީ އޭނާ ހައުސިންގ މިނިސްޓަރ ކަމުގައި ހުންނެވިއިރު ހަވާލުކުރި ބްރިޖް ވިއުއިންގ ޕްލެޓްފޯމް މަޝްރޫއުގެ މައްސަލައިގައެވެ.

ބްރިޖްވިއުވިންގ ޕްލެޓްފޯމް ގާއިމުކުރަން ހަވާލުކުރި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި، އަދި އެ ކުންފުނިން ޕާކިންގ އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި، އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލައެވެ.

މި މައްސަލާގައި މުއިއްޒުގެ އިތުރުން އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބުގެ މައްޗަށް ވެސް ދައުވާ ކުރުމަށް މިދިޔަ އޮކްޓޯބަރުމަހު 6ގައި ފޮނުވިއެވެ. މި ދެމީހުންގެ މައްޗަށް ކުރުމަށް އޭސީސީން ނިންމާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މައްސަލަ:

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިންގ އޭރިޔާއެއް ތަރައްޤީކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު 03 އަހަރު ދުވަހުގެ އެއްބަސްވުމެއް ވީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެ ޕާކިން އޭރިއާ ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ މިނިސްޓްރީން ދިނެވެ. އެހެންވެ، އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އެ ކުންފުންޏަށް އިތުރު ފައިދާއެއް ލިބިގެންދިޔައީއެވެ.

ތަހުގީގަށް ފާހަގަކުރެވުނު ކަންކަން

  1. ފިނި ބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި އެކަމުގައި މިނިސްޓްރީން ޤާނޫނީ ލަފާ ހޯދާފައިނުވާ ކަން
  2. އެއްބަސްވުމުގެ މުއްސަތު 5 އަހަރަށް ބަދަލުކުރުމުގެ ބަދަލަކަށް ސްޓްރާޑާ އިން ސަރުކާރަށް ސީ.އެސް.އާރުގެ ގޮތުގައި 2 މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ހުށަހަޅާފައިވާކަން
  3. މި ހުށަހެޅުމާގުޅިގެން، އެއްބަސްވުމަށް ފުރަތަމަ އިސްލާހު ގެނައީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން ޢަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ޤާނޫނީ ލަފާ ނުހޯދައިކަން
  4. ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން އިއުލާނުން އެނގޭއިރު، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގްސަދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަން
  5. ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީ.އެސް.އާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފަ ނުވާކަން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ (ރ.1,976,548.00) ދައްކާފައި ނުވާކަން
  6. މިނިސްޓްރީ އަށް އެ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރު އޮތް ނަމަވެސް ސްޓްރާޑާއަށޤ މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިޞްލާހުތައް ގެނެސްފައިވާ ކަން
  7. ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ޢަދުލުވެރި ބަދަލެއް ހޯދުމަށް މުޢިއްޒު ސޮއިކޮށް ފޮނުވީ، އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މަޢުލޫމާތު ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފައެއް ހޯދުމަކާ ނުލާކަން
  8. ޗާ ޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 އޭޕްރިލް 2018 ގައި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިސްލާޙުގެ ޒަރީއާއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދުނު އިތުރު ކަންކަމަށް ހުއްދަދީ ބަދަލުދީފައިވާކަން
  9. އޭގެފަހުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން 26 ސެޕްޓެންބަރު 2018 ގައި އެދުނު ގޮތަށް އަލުން ބަދަލެއްގެ ގޮތުގައި އެކުންފުންޏަށް 32,165,139.00 (ތިރީސް ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް އެއްސަތޭކަ ތިރީސް ނުވައެއް) ރުފިޔާ ހޯދަން މުއިއްޒު ފޮނުވި ސިޓީގައި އެ ފައިސާގެ ބަދަލަކީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ދޭހަވާގޮތަށް އަދި އެ ކުންފުންޏަށް ކުރިން ބަދަލު ލިބިފައިވާ ކަމުގެ ސައްޙަ މަޢުލޫމާތު ހާމަނުކުރާކަން

މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކޮށް އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގައި ސޮއިކުރީ ހަބީބެވެ. ޗާޓައިމްގެ ބަދަލެއްގެ ގޮތުގައި 14,493,427.00 ރުފިޔާ ސްޓްރާޑާއަށް ހޯދަދޭން ރައީސް އޮފީހަށް ފޮނުވި ނަމަވެސް، އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *