އަވައްޓެރި އިންޑިއާއާއި ލަންކާ އަދި މެލޭޝިޔާގެ އިތުރުން ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ދުބާއީ އިން ވެސް ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޯން ފެނިއްޖެއެވެ.

އިންޑިއާއިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގައުމުން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާކަން ދެނެގަނެވުނު 46 އަހަރުގެ ފިރިހެން މީހާއަކީ، އިންޑިއާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ޓްރެވެލް ހިސްްޓްރީއެއް ނެތްއިރު، މިހާތަނަށް އިންޑިއާއިން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވެފައިކަން ދެނެގަނެވިފައި ވަނީ ދެ މީހެކެވެ.

ސްރީލަންކާއިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރިޕޯޓް ކުރީ މިއަދުއެވެ. އެގޮތުން، މި ވޭރިއަންޓް ޖެހިފައިވާ މީހަކީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު ނައިޖީރިއާއިން ދަތުރު ކުރި މީހެކެވެ. މިހާތަނަށް ލަންކާއިން ދެނެގަނެވިފައި ވަނީ އޮމިކްރޯން ވޭރިއަންޓްގެ އެންމެ ކޭސްއެކެވެ.

އަވައްޓެރި މެލޭޝިޔާއިން ވެސް މިއަދު އޮމިކްރޯން ވޭރިއަންޓްގެ ކޭހެއް ރިޕޯޓް ކޮށްފައިވާއިރު، އެއީ ސައުތް އެފްރިކާއިން ދަތުރު ކުރި އިންޓަނޭޝަނަލް ދަރިވަރެކެވެ. އުމުރުން 19 އަހަރުގެ އެ އަންހެން މީހާ ޕޮޒިޓިވްކަން ދެނެގަނެވުނީ ސައުތް އެފްރިކާއިން މެލޭޝިޔާއަށް ގޮސް ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރުމުންނެވެ. މިހާތަނަށް މެލޭޝިޔާއިން ދެނެގަނެވިފައި ވަނީ އޮމިކްރޯން ވޭރިއަންޓްގެ އެންމެ ކޭސްއެކެވެ.

ދުބާއީއިން އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރިޕޯޓް ކޮށްފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ދުބާއީއިން އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވީ އެފްރިކާއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާޕޮޒިޓިވްވެފައި ވަނީ އެފްރިކާގެ ގައުމަކުން ދަތުރު ކުރުމަށްފަހުއެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިއުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

މި ހަތް ގައުމުން ސީދާ ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ ތެރެއިން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *