ލޮކްޑައުން ތެރޭގައި މާލެ ސިޓީ -- ފޮޓޯ: ސަން

ކޮވިޑް-19ގެހާލަތު ކޮންޓްރޯލް ކުރުމަށް ރާއްޖެ އިތުރު ލޮކްޑައުންއަކަށް ނުދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ 4 ވަނަ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މީހަކު ސުވާލު ކުރީ ރާއްޖެ ތިން ވަނަ ލޮކްޑައުންއަކަށް ދިޔުމަށް ތާއިދު ކުރައްވާތޯ އަދި ލޮކްޑައުންއަކަށް ދިޔަ ނުދިނުމަށް މަޖިލީހުން ކުރާނީ ކޮންކަމެއްތޯ އަހައެވެ.

ޖަވާބުގައި ނަޝީދު ވިދާޅުވީ ކޮވިޑް ބަލިމަޑުކަން ފެށިގެން އައިއިރު މަޖިލީހުގެ ޖަލްސާތައް ބާއްވާ، ބައްދަލުވަމުން ދިއުމާ ގުޅިގެން ބައެއް ރައްޔިތުންގެ ނުރުހުން އަމާޒުވި ކަމަށެވެ. ނަމަވެސް އޭރުވެސް މަޖިލީހުން މަސައްކަތް ކުރީ ވީހާވެސް ބޮޑަކަށް ހުޅުވިގެން، މަސައްކަތްތައް ކުރެވިގެން، އާމްދަނީ ހޯދިގެން، ތާށިކަމެއްގައި ނުތިބެވި، މި ބަލިން އަރައިގަނެވޭނެ ގޮތްތަކެއް ހޯދަން ކަމަށެވެ.

ކޮވިޑް ރޯގާއަކީ އެއާއެކީގައި އަޅުގަނޑުމެން އުޅޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ރޯގާއެއްކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެކްސިންގެ އަސަރާއި ނަތީޖާވެސް ރަނގަޅު ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުރިއަތް އޮތްތަނުގައި ވެސް އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށެވެ.

އަޅުގަނޑު އުއްމީދު ކުރަނީ ރާއްޖެ ދެން އިތުރު ލޮކްޑައުންއަކަށް، ބަންދަކަށް ނުދާނެ ކަމަށް. އަދި އަޅުގަނޑު އުއްމީދު ކުރަނީ ދުނިޔެވެސް އެހެން ވެގެން ނުދާނެ ކަމަށް

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ސައުތް އެފްރިކާއިން ދެނެގަނެވުނު ކޮވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން"އާއެކު ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގައުމުތަކުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ބަލި ގަދައަށް ފެތުރެމުންދާ ގައުމުތަކުން މީހުންނަށް ދަތުރު ނުކުރެވޭނެހެން ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.