ރައީސް މުހައްމަދު ނަޝީދު، މިރޭގެ އާސްކް ސްޕީކާ ޕްރޮގްރާމުގައި -- ފޮޓޯ: މަޖިލިސް

މީހުންނަށް ނުފެނި އެކަހެރިވެގެން އުޅެން ޖެހުމުން ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ "އާސްކް ސްޕީކާ"ގެ 4 ވަނަ ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އޭނާ ސުވާލު ކުރީ، މެންދުރު ސްކޫލް ނިމޭ ގަޑިއާ ދިމާކޮށް، ކެނެރީގޭ އިންނަ މަގު ޓޭޕް އަޅާ ތިންހަތަރު ގަޑިއަށް ބަންދުކޮފައި ތިޔަ ބަހައްޓަވަނީ އެ ހިސާބުގައި އުޅޭ އާންމު ރައްޔިތުން އަދި ސްކޫލްތަކަށްދާ ކުޑަކުދިންނަށް ޖެއްސުން ކުރަންތޯ އަހައެވެ.

ވަރަށް ރަނގަޅު ވާހަކައެވެ. އަޅުގަނޑު ވަރަށް ދެރަވެސްވޭ، އެއީ އަޅުގަނޑު އެއްވެސް އިރެއްގައި ދިރިއުޅެން ބޭނުންވި ގޮތެއް ނޫން ވަކިވެފަ، އެއްކާރިކޮށްފައި، މީހުންނަށް ނުފެންނަގޮތަށް އަޅުގަނޑަށް އުޅެން ޖެހުން.

ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކެނެރީގޭ ހުންނަ މަގުން ނިކުންނަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލި ކަމަށެވެ. އަދި ކަންތައް ހިނގާދިޔައީ ކިހިނެތްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު މަސައްކަތުގައި އުޅުއްވާ ނަމަވެސް ސަލާމަތް ވެވުނީ ކިރިޔާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަފުޅު ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށާއި، އެހެންނަމަވެސް އެހެން ބަޔަކަށް އުނދަގޫތަކެއް ވާކަށް ވެސް ނޭދޭ ކަމަށެވެ. ކެނެރީގޭ ސަރަހައްދު ބަންދު ކުރާތީ އެކަމާ މައާފަށް އެދިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ އަދި ދިރިހުންނަވަން އެދިވަޑައިގަންނަވާތީ، ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ އިސްވެރިން ޓެރަރިޒަމްގެ ޝިކާރައަކަށް ވާން ދޫކޮށްލުމަކީ ރައްޔިތުންނަށް މަސްލަހަތު ހުރިގޮތްތޯ މިއަދު ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި ދައުލަތް އޭގެ ހައިބަތާއި އެކީގައި ހިންގުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.