Mohamed Jameel Ahmed
ކުރީގެ ނައިބު ރައީސް ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައުސޫމު ކަމާއި މެދު ދުވަހަކުވެސް ޝައްކު ނުކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފައެވެ. ޝަރީއަތަށް ފަހު، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާ، ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ޤާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަކީލުންގެ ހިތްވަރަކަސް ވެގެންދިޔައީ ރައީސް ޔާމީންގެ މައުސޫމުކަން ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައުސޫމިއްޔަތާއި މެދު ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ އެކަން ރާއްޖޭގެ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ގަބޫލުކުރާނެ ކަމަށެވެ.

މި މަސައްކަތް ކުރުމުގައި މުޅި ގާނޫނީ ޓީމުގެ ހިތްވަރަކަށް ވެގެންދިޔައީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ފުރިހަމަ ޔަގީންކަން އޮތް ރައީސް ޔާމީނުގެ މައުސޫމިއްޔަތާއި ދޭތެރޭ. އަޅުގަނޑުމެން ދުވަހަކުވެސް އެކަމަކާ ދޭތެރޭ ޝައްކެއް ނުކުރަން. ޕީޕީއެމްއަށް ތާއީދު ކުރައްވާ ޕީޕީއެމްގެ ލީޑަރޝިޕާއި ޕީޕީއެމްގެ އެންމެހާ ލޮބުވެތި މެމްބަރުންނާއި އަދި އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އަގުލަބިއްޔަތު ގިނަ ރައްޔިތުންތަކެއް އެކަން ގަބޫލުކުރިޔޭ.

އޭނާ ވިދާޅުވީ ޝަރީއަތުގައި ފެނިގެން ދިޔަ ކަންތައްތަކުންވެސް ރައީސް ޔާމީން އަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މައުސޫމު ބޭފުޅެއްކަން ހާމަވެގެންދިޔަ ކަމަށެވެ. އަދި އޭރުވެސް ރައީސް ޔާމީން ދެއްކެވީ ތެދުވާހަކަފުޅެއްކަން މިއަދު ސާފުވެގެން ގޮސްފައިވާ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލައިގައި ރައީސް ޔާމީނަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށާއި، އެކަންތައްތަކާއި ކުރިމަތިވީ ރައީސް އިބްރާހީމް ސޯލިހާއި ސަރުކާރު ކޯލިޝަންގެ ޒާތީ އެޖެންޑާގެ ސަބަބުން ކަމަށެވެ. އަދި މިހެން ވިދާޅުވާން ޖެހެނީ ރައީސް ޔާމީނަށް ކުރެވުނު ތުހުމަތުތައް ކުރެވޭ އެހެން ފަރާތްތައް މިނިވަންކޮށް ތިބުމުން ކަމަށެވެ.

ގއ. ވޮޑަމުއްލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑާރ ކުރި ކަމުގެ ތުހުމަތާއެކު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2019، ފެބްރުއަރީ 13 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތްތައް ބޭއްވުމަށްފަހު 2019، ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ.

އެ މައްސަލަ 2019، ޑިސެމްބަރު 18ގައި ހައި ކޯޓުގައި އިސްތިނާފުކޮށް، އެ ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްފަހު 2021، ޖެނުއަރީ 21ގައި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ. ނަމަވެސް މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *