ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މިއަދުގެ ޝަރީއަތުގައި އިސް ފަނޑިޔާރު މަހާޒް އަލީ ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްތިއުނާފީ ނުކުތާތަކަށާއި، ދައުލަތުގެ ފަރާތުން ދިން ރައްދުތައް ތަފްސީލުކޮށްދެއްވާފައެވެ. މަހާޒްގެ ރައުޔުގައި ވަނީ މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
ފަނޑިޔަރު މަހާޒްގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު އިބްރާހިމް މުހައްމަދު ވެސް ވަނީ ތާއިދު ކުރައްވާފައެވެ.
3 ގަޑިއިރަށް ދެމިގެންދިޔަ މި ޝަރީއަތުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ މި މައްސަލާގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރުގެ ހަގީގަތް ހޯދާ، އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްނަމަ އެ ފައިސާ، އެ ފައިސާ އިންވެސްޓްކޮށްގެން މަންފާއެއް ލިބިފައިވާނަމަ އެ މަންފާއެއް ލިބިމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށެވެ.
ގއ. ވޮޑަމުއްލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑާރ ކުރި ކަމުގެ ތުހުމަތާއެކު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2019، ފެބްރުއަރީ 13 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތްތައް ބޭއްވުމަށްފަހު 2019، ނޮވެމްބަރު 28 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ.
އެ މައްސަލަ 2019، ޑިސެމްބަރު 18ގައި ހައި ކޯޓުގައި އިސްތިނާފުކޮށް، އެ ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށްފަހު 2021، ޖެނުއަރީ 21ގައި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ. ނަމަވެސް މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.
މި ހުކުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ހުކުމެއް ކަމަށް ބެލެވެއެވެ. އެގޮތުން، ރައީސް ޔާމީން މިނިވަންވެއްޖެނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށް އިދިކޮޅުން މީގެ ކުރިން ބުނެފައި ވެއެވެ. މި މައްސަލާގައި ސުޕްރީމްކޯޓުން ރައީސް ޔާމީން މިނިވަން ކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ އިތުރު މައްސަލަތަކުގެ ޝަރީއަތް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.