އަތޮޅުތެރޭގެ ރަށްތަކަށް އިތުރު 20 އެމްބިއުލާންސް ފޮނުވަން ތައްޔާރުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރެއަށް ފޮނުވަން ގެންނަ އެމްބިއުލާންސް ތަކުގެ ތެރެއިން 20 އެމްބިއުލާންސް ގެނަސް ކަސްޓަމްސް އިން ކްލިއާ ކުރުމަށް ފަހު، އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއީ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެސްޓީއޯ މެދުވެރިކޮށް ގެންނަ އެމްބިއުލާންސްތަކުގެ ދެވަނަ ޝިޕްމަންޓެވެ. ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހު ގެނަސް އަތޮޅުތެރެއަށް މިހާރު ވަނީ ފޮނުވާފައެވެ.

އެސްޓީއޯއިން ގެނައި ފުރަތަމަ ޝިޕްމަންޓް ފޮނުވާފައި ވަނީ ހއ. އުލިގަމް، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ށ. މަރޮށި، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ބ. ކުޑަރިކިލު، ކ. ހުރާ، އއ. ތޮއްޑޫ އދ. ދަނގެތި، ފ. ބިލެއްދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި އަދި ލ. މާމެންދޫގެ އިތުރުން ގއ. ގެމަނަފުއްޓަށެވެ.

އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. މި އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް މިއަހަރުގެ ޖޫން މަހާ ހަމައަށް އެމްބިއުލާންސް ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެފައިވީ ނަމަވެސް އެ މަސައްކަތް ވަނީ އެހާތަނަށް ނިމޭގޮތް ނުވެފައެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *