ޖަޒީރާ ގްރެފިކްސް: އިބްރާހީމް އިފާޒް

ބޯހިޔާވަހިކަމުިގެ މަޝްރޫއުތައް ހިންގަންވާނީ އެފަދަ މަޝްރޫއުތައް ހިންގުމަށް އުފައްދާފައިވާ ސަރުކާރު ކުންފުނިތަކުން ކަމަށް ހިމަނާ، ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް (އެސްއޯއީ) ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާ ގުޅޭ މައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓު ފާސްވެގެންދިޔައީ 32 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މި މައްސަލަ ކޮމިޓީން ދިރާސާކުރަން ފެށީ އެޗްޑީސީއާއި ހަވާލުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް ހިންގިފައިނުވާ މައްސަލައާއި އެކުއެވެ. އެގޮތުން އެ ކުންފުންޏާއި ހަވާލު ކުރެވުނު 15 މަޝްރޫއުތަކުގެ ތެރެއިން ހިންގާފައިވަނީ އެންމެ ހަ މަޝްރޫއު ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިތަކުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއާގުޅޭ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ހިމަނާފައިވާ އެއް ހުށަހެޅުމަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެކަމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތް ކުރުމަށެވެ.

ސަބަބެއްގެ ގޮތުގައި ކޮމިޓީން ބުނެފައިވަނީ އެ ކުންފުންޏެއް އުފައްދާފައި އޮތް މަގްސަދާ އެއްގޮތަށް މަސައްކަތްތައް ކުރުމުގެ ބަދަލުގައި މުޅިން އެހެން ކަމަކަށް ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި ފައިސާ ހަރަދުކޮށްގެން ބޯހިޔާވެހިކަމުގެ މަޝްރޫއުގެ މަސައްކަތްކުރުމުން ކުންފުނީގެ ކޭޝްފްލޯ ތާށިވެ، ކުންފުނީގެ މެންޑޭޓުގައި ހިމެނޭ ގިނަ މަސައްކަތްތައް ނުކުރެވި، ކުންފުނީގެ ހިންގުމަށް ހުރަސްއެޅުމެވެ. އަދި ކުންފުނިތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސް އެޅުމެވެ.

އެހެންވެ ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް މަޖިލީހުން ސަރުކާރަށް ދޭން ނިންމި ލަފާއަކީ ކުރިއަށް އޮތް ތަނުގައި ހިންގާ އެއްވެސް ބޯހިޔާވެހިކަމުގެ މަޝްރޫއެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުނުކުރުމަށެވެ.  އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވަނީ އެފަދަ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުން އެ މަސައްކަތްކުރިޔަށް ގެންދިއުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *