ޖަޒީރާ ގްރެފިކްސް: އިބްރާހީމް އިފާޒް

ގާނޫނުގައި 'ރޭޕް' ގެ މާނަފުޅާކޮށް، ޖިންސީ ކުށުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ.

ޖިންސީ ކުށުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ދިރާސާކުރީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު މި ބިލް ފާސްކުރީ މަޖިލީހުގެ 52 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ޖިންސީ ކުށުގެ ގާނޫނަށް ގެނެވުނު އިސްލާހުތައް

  • މާނަތައް ފުޅާކުރުން

މި ބިލު ދިރާސާކުރަމުންދިޔައިރު ކޮމިޓީ މެމްބަރުންނަށް ގަބޫލުކުރެވުނީ ޖިންސީ ކުށްތަކުގެ ތެރޭގައި
ދެމަފިރިންގެ މެދުގައި ގަދަކަމުން ހިންގާ ގުޅުންތައްވެސް އިސްތިސްނާއެއް ނެތި ހިމެނުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންވެ ކޮމިޓީން ވަނީ އެކަން ރޭޕްގެ މާނައިގައި ހިމަނާފައެވެ.

  • "ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.
  • "ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ. (ކުރިން މި މާއްދާ އޮތީ ޖިންސީ އަނިޔާއަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި އެކަނި ހިންގާ އަމަލެއްގެ ގޮތުގައި)
  • "ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި ޢަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ. (ކުރިން މި މާއްދާ އޮތީ ޖިންސީ ކުށަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި އެކަނި ހިންގާ އަމަލެއްގެ ގޮތުގައި)

 

  • "ޖިންސީ ގޯނާގެ ކުށް" އަދި "ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ" ޝިކާރަކަށްވާ ފަރާތްތަކުގެ ވެސް ސާމްޕަލް ނަގަން ގާނޫނުން ލާޒިމުކުރުން

ކުރިން މި ގާނޫނުގައި ޖިންސީ ގޯނާގެ ކުށް، އަދި ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހަށިގަނޑާއި އަންނައުނުން ފޮރެންސިކް ސާމްޕަލް ނަގައި، ފޮރެންސިކް ތަޙްލީލު ކުރުމަކީ ތަހުގީގީ  ފަރާތަށް ލާޒިމްކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ އެ ފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކުރުމުގެ ގޮތުން އެއީ ގާނޫނުގައި ލާޒިމްކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

  • ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނޭ ގޮތާއި ސާމްޕަލް ރާއްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލު އެކުލަވާލުން

އިސްލާހު ގެނެވުނު ގޮތް: މި މާއްދާގެ (ށ) ގެ ދަށުން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމަށާއި، އެ ސާމްޕަލްތަކުގެ ފޮރެންސިކް ތަހްލ ލުކުރުމަށް ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނޭ ގޮތުގެ އުސޫލުތަކާއި، އެފަދަ ސާމްޕަލް ނަގައި އެ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނޭ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ދިވެހި ފުލުހުންގެ ޚިދުމަތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަޝްވަރާއާއެކު، މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ޢާންމުކުރަން ޖެހޭނެއެވެ.

  • އެކަށީގެންވާ ތަމްރީން ލިބިފައިވާ ޑޮކްޓަރުން ތިބިކަން ކަށަވަރުކުރުން

ކޮމިޓީއަށް ގަބޫލުކުރެވުނު ގޮތުގައި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައިވުމުގެ އިތުރުން، "ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯމްޑް" ނަޒަރިއްޔާތުގެ ތަމްރީނު ލިބިފައި ތިބި ފަރާތްތައް ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ތިބުމަކީ މުހިންމުކަމެކެވެ. އެހެންވެ، މަޖިލީހުން ވަނީ އެކަމާ ގުޅޭ މާއްދާވެސް އިސްލާހުކޮށްފައެވެ.

އިސްލާހު ގެނެވުނު ގޮތް: ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ޞިއްޙީ  އެހީތެރިއެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ޞިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެއެވެ. އަދި އެފަރާތްތަކަކީ "ވިކްޓިމް ސެންޓަރޑް އަދި ޓްރައުމާ އިންފޯމްޑް" ނަޒަރިއްޔާތުގެ ތަމްރީނުވެސް ލިބިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.

  • ރޭޕްގެ ޝިކާރައަކަށްވާ ފަރާތް މާބަނޑުވުމުން ރައްކާތެރިކަން ހޯދާދިނުމަށް މާއްދާއެއް އިތުރުކުރުން

(ހ): މި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރައަކަށްވ ފަރާތް މާބަނޑުވެދާނެކަމަށް ނުވަތަ މާބަނޑުވެފައިވާކަމަށް ޞިއްޙ ޚިދުމަތްދޭ ޑޮކްޓަރަކަށް ފާހަގަކުރެވޭ ހާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމާއެކު އެފަރާތަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުން ފޯރުކޮށްދޭންވާނެއެވެ.

(ށ): މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާއަކީ ޑޮކްޓަރެއްގެ ސީދާ ބެލުމުގެ ދަށުން ފޯރުކޮށްދޭ ފަރުވާއަކަށް ވާންވާނެއެވެ.

މިފަދަ މާއްދާއެއް އިތުރު ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވަނީ ރޭޕްގެ ޝިކާރައަކަށްވާ ފަރާތްތައް
މާބަނޑުވުމުން ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް ވާތީ އާއި ރޭޕްގެ މައްސަލަތައް ރިޕޯޓުކުރުމަށް އިތުރަށް ހިތްވަރު ލިބޭނެ ކަމެއްކަމަށް ގަބޫލުކުރެވޭތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *