މިނިސްޓަރ މަޙްލޫފް (ކ) އަދި ޕީޖީ ޝަމީމް (ވ): ޖަޒީރާ ގްރެފިކްސް

އެމްއެމްޕީއާރްސީ މައްސަލާގައި ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެކަމަސް ވިދާޅުވެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ހާމަކުރެއްވި ޗެޓްލޮގްތަކާ ގުޅޭގޮތުން ދެން ވާހަކަ ދައްކަވާނީ ކޯޓުގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް އާންމު ކުރެއްވި ޗެޓްލޮގްތަކާ ބެހޭގޮތުން ޕީޖީގެ ބަހެއް ހޯދުމަށް "ޖަޒީރާ" އިން ގުޅުމުން ޕީޖީ ވިދާޅުވީ، އެކަމާ ބެހޭގޮތުން ދެއްވާނެ ކޮމެންޓެއް ނެތް ކަމަށާއި ދެން ވާހަކަ ދައްކަވާނީ ކޯޓުގައި ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ދައުވާ އުފުލަން އޭސީސީން މީގެ ފަސް މަސް ކުރިން ޕީޖީ އޮފީހަށް ފޮނުވުމުން ރައީސް އޮފީހުން ވަނީ އޭނާ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އަދި ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވި ނަމަވެސް މައްސަލަ ދިގުލައިގެން ގޮސް ސަސްޕެންޝަން ވެސް އުވާލާ، އިސްތިއުފާއާ މެދު ވެސް ވިސްނަވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލާގައި ރިޝްވަތު ހިފުމުގެ ދައުވާ ޕީޖީ އޮފީހުން އިއްޔެ މަހްލޫފްގެ މައްޗަށް ކޮށްފައިވާއިރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަގީގަތް ކޯޓުގައި ސާފުވާނެ ކަމަށެވެ. އެ ޓުވީޓުގައި މަހްލޫފް ވަނީ ޕީޖީ ޝަމީމްގެ ޗެޓް ލޮގެއް އާންމުކުރައްވާފައެވެ. މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލުމަކީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއް ކަން މި ޗެޓްލޮގްތަކުން ހާމަވާ ކަމަށާއި، ދައުވާކުރުމާއި ނުކުރުން އޮތީ އޭނާ "ފުއްޕާ ވަރަށް އަދި ސައިޒުވާ ވަރެއް"ގެ މައްޗަށް ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ ޕަރސަނަލް އެސިސްޓަންޓް އަޒްމޫން އަހުމަދާއި ޕީޖީ ޝަމީމް އާ މެދު ދެކެވުނު ވާހަކައިގެ އެ ޗެޓްލޮގުގައި ޝަމީމް ވަނީ މަހްލޫފްގެ މައްސަލަ ދިގުލައިގެން ދިޔައީ ބޭކާރު ގޮތުގައި "ފުއްޕީމަ" ކަމަށް ވިދާޅުވެފައެވެ. އެހެންވެ ފުލުހުންގެ ވެސް މިހާރު އެއްވެސް ސިމްޕަތީއެއް ނެތް ކަމަށް ވިދާޅުވެ، މިހާރު "ސައިޒު" ވީ އަދި "ނުފުއްޕަނީ" ކީއްވެތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަޒްމޫން ވިދާޅުވީ އެ ދުވަހު ޕީޖީ އެހެން ވިދާޅުވި ނަމަވެސް މައްސަލަ ނިންމަވާނީ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށް އުންމީދުކުރެއްވި ކަމަށެވެ.

މި ޗެޓްލޮގްތަކަ ގުޅިގެން އާންމުންގެ ފާޑުކިއުން ޕީޖީ ޝަމީމަށް އަމާޒުވެފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ ޝަމީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.