އެމްއެމްޕީއާރްސީ މައްސަލާގައި ދައުވާ އުފުލި ނަމަވެސް އިސްތިއުފާ ނުދެއްވާނެކަން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.
އެ މައްސަލާގައި ދައުވާ އުފުލަން އޭސީސީން މީގެ ފަސް މަސް ކުރިން ޕީޖީ އޮފީހަށް ފޮނުވުމުން ރައީސް އޮފީހުން ވަނީ އޭނާ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އަދި ދައުވާ އުފުލައިފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވިދާޅުވިނަމަވެސް މައްސަލަ ދިގުލައިގެން ގޮސް ސަސްޕެންޝަން ވެސް އުވާލާ، އިސްތިއުފާއާ މެދު ވެސް ވިސްނަވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލާގައި ރިޝްވަތު ހިފުމުގެ ދައުވާ ޕީޖީ އޮފީހުން މިއަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާއިރު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަގީގަތް ކޯޓުގައި ސާފުވާނެ ކަމަށެވެ. އެ ޓުވީޓުގައި މަހްލޫފް ވަނީ ޕީޖީ ޝަމީމްގެ ޗެޓް ލޮގެއް އާންމުކުރައްވާފައެވެ.
މިނިސްޓަރ މަހްލޫފްގެ ޕަރސަނަލް އެސިސްޓަންޓް އަޒްމޫން އަހުމަދާއި ޕީޖީ ޝަމީމް އާ މެދު ދެކެވުނު ވާހަކައިގެ އެ ޗެޓްލޮގުގައި ޝަމީމް ވަނީ މަހްލޫފްގެ މައްސަލަ ދިގުލައިގެން ދިޔައީ ބޭކާރު ގޮތުގައި "ފުއްޕީމަ" ކަމަށް ވިދާޅުވެފައެވެ. އެހެންވެ ފުލުހުންގެ ވެސް މިހާރު އެއްވެސް ސިމްޕަތީއެއް ނެތް ކަމަށް ވިދާޅުވެ، މިހާރު "ސައިޒު" ވީ އަދި "ނުފުއްޕަނީ" ކީއްވެތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.
ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ މިޗެޓްލޮގުން އެކަނި ހާމަވާނެ.
ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު " ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް.
އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ. pic.twitter.com/oyDIFy8epu
— Ahmed Mahloof (@AhmedMahloof) November 24, 2021
މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަޒްމޫން ވިދާޅުވީ އެ ދުވަހު ޕީޖީ އެހެން ވިދާޅުވިނަމަވެސް މައްސަލަ ނިންމަވާނީ ރަނގަޅު އުސޫލުގެ ތެރެއިން ކަމަށް އުންމީދުކުރެއްވި ކަމަށެވެ.
މިހެން ޝަމީމް އަޅުގަނޑު ގާތުގައި ވިދާޅުވި ނަމަވެސް އަޅުގަނޑު ހީކޮށްގެން ހުރީ ޝަމީމް ކަން ކުރައްވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ފޮތުގައި އޮތް ގޮތަށް ކަމަށް. https://t.co/lxfc9imsqK
— Azmoon Ahmed 🇲🇻 (@azmoon_ahmed) November 24, 2021
މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލުމަކީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއް ކަން މި ޗެޓްލޮގްތަކުން ހާމަވާ ކަމަށާއި، ދައުވާކުރުމާއި ނުކުރުން އޮތީ އޭނާ "ފުއްޕާ ވަރަށް އަދި ސައިޒުވާ ވަރެއް"ގެ މައްޗަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މަޚްލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33،000 ޑޮލަރު (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.
މިކަމުގައި މަހްލޫފް ވަނީ މީގެ ކުރިންވެސް ތަކުރާރުކޮށް އެ ފައިސާ އަކީ އާއިލީ ވިޔަފާރި އަކަށް އޭނާ ޑޮލަރު ގަތް މުއާމަލާތެއްގައި ޖަމާވި ފައިސާއެއް ކަމާއި، އެއީ ސައްހަ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ލިޔެކިޔުންތައް ވެސް އޭސީސީ އަށް ހުށަހެޅިނަމަވެސް އޭސީސީން ވަނީ އެއީ ހަގީގަތް އޮޅުވާލަން ހުށަހެޅި އެއްޗެއް ކަމަށް ބުނެފައެވެ.