ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކޮށް އެ މުއާމަލާތުގެ ތެރޭގައި ރިޝްވަތު ނަގާ މަނީ ލޯންޑަށް ކޮށްފައިވާ މައްސަލާގައި ކުރީގެ ރައީސް އިބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ އެ މައްސަލާގައި ރައީސް ޔާމީނަށް ކޮށްފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާއާއި، ރިޝްވަތު ގަބޫލްކުރުމުގެ ދައުވާ ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ކޮށްފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންނެވެ. އަދި ރިޝްވަތު ގަބޫލްކުރުމުގެ ދައުވާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ ދަށުންނެވެ.

ޕީޖީ އޮފީހުން ބުނީ މި ދައުވާތައް ކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ޔާމީންގެ އިތުރުން މި މައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ވެސް މަނީ ލޯންޑަރިންގެ ދެ ދައުވާއެއްކޮށްފައިވެއެވެ. އެއީ ވެސް ވޮޑަމުލާ އާއި ފުއްގިރި ވިއްކާލާ ލިބުނު ފައިސާ ލޯންޑަރކޮށްފައިވާ މައްސަލާގައެވެ. އޭގެ ތެރެއިން ވޮޑަމުލާ މައްސަލާގައި ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، މިހާރު ހުންނެވީ ގޭބަންދުގައެވެ. އަދި ޖުރިމަނާ ފައިސާވެސް އެމަނިކުފާނެއް ނުދައްކަވައެވެ. އެ މައްސަލަ ވެސް އޭޖީ އޮފީހުން މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ވޮޑަމުލާ މައްސަލަ އެމަނިކުފާނު އިސްތިއުނާފްކުރައްވާފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ކުރިއަށް އޮތީ ހުކުމް އިއްވުމެވެ. އަދި ފުއްގިރި މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *