އިތުރު ދެ ޤައުމަކުން ދިވެހިރާއްޖެއަށް އައު ސަފީރުން ހަމަޖައްސަވައިފި އެވެ. އެއީ ނައިޖީރިއާ ސަރުކާރުގެ އިތުރުން، ފިލިޕީންސް ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.
ނައިޖީރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ އަބިއޮޔޭ މުޙައްމަދު ބެއްލާއެވެ. އަދި ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އާ ސަފީރަކީ ހިޒް އެލަން އެލް ޑެނިއެގާ އެވެ.
މި ދެ ސަފީރުންވެސް ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުއްވާފަ އެވެ. އެޔަށްފަހު، ރަައީސް ސޯލިހް ވަނީ ދެ ސަފީރުންނާ ބައްދަލުކުރަައްވާަ މަޝްވަރާަތައް ކުރިއަށްގެންދަވާފަ އެވެ.
އޭގެތެރެއިން ނައިޒީރިއާގެ ސަފީރަކާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިޖީރިއާގެ އައު ސަފީރު ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރާއްޖެއާއި ނައިޖީރިއާ އާއި ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީޚީ ގާތް ގުޅުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް ޢަޒުމް ކަނޑައަޅާފައިވަނީ، ދެ ޤައުމުން ޤަބޫލުކުރާ އެއްބައިވަންތަކަމުގެ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެއާއި ނައިޖީރިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
ފިލިޕީންސްގެ ސަފީރަކާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުގައި ހުރި ޚިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ޤައުމުގެ މިހާރުގެ ކޮވިޑްގެ ޙާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.