ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ ހަ މެމްބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާނުކުރަން ނިންމައިފި އެވެ.

މި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ އާއި އަލީ އިކްރާމް އާއި މުހައްމަދު ނިޒާރު އާދަމް އާއި މަރްޔަމް ސަމާހަތުގެ އިތުރުން މަރްޔަމް ތަސްލީމާގެ މައްޗަށް ވަމނީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައެވެ.

އެމީހުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނިގޮތުގައި ދައުވާކުރަން ފޮނުވީ ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019 ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހުއެވެ.

އޭސީސީން މީގެކުރިން ބުނެފައިވަނީ ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނަށް ބިޑް ހުށަހަޅާފައިވަނީ 03 ކުންފުންޏަކުން ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަން ތަހުގީގުން އެނގިފައިވާ ކަމަށް ބުންޏެވެ.

އޭސީސީން ބުނީ ވަސާޖިއޯއަށް އެ ޕްރޮޖެކްޓު ދިނީ އެއްވަނަ އަށް ދިޔަ ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެ ކުންފުނީގެ ބިޑު ބާތިލްކުރުމަށް ފަހު ކަމަށެވެ. އަދި ބިޑަށް ހުށަހެޅި އެހެން ކުންފުނިތައް ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން އެކަނި ކަމަށް ބުނެއެވެ.

އެކަމަކު އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ބުނީ އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.