ރައީސުލްޖުމްހޫރިއްޔާ،މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ޒިޔާރަތްކުރެއްވުން (5 ޖުލައި 2020) -- ފޮޓޯ: ރައީސް އޮފީސް

ކުޑަކުދިންގެ ހިޔާގެ ކުދިންގެ އަތުގައި ބިޑި އަޅުވީ އެ ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމަށާއި، އެކަން ކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ބުނެ، ފުލުހުންގެ މައްޗަށް ދައުވާކުރާތީ ކަންބޮޑުވާކަމަށް އެ ހިދުމަތުން ބުނެފި އެވެ.

އެކަމުގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދެމުން ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިން، ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެ ރަށަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން ތަހުގީގުކޮށް 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައިވާކަމުގެ މައުލޫމަތު ހިއުމަން ރައިޓްސް ކޮމިޝަނުން، އެ މުއައްސަސާއާ ހިއްސާކޮށްފައިވާކަމަށެވެ. އަދި ފުލުހުން، އެދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑިއަޅުވާފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އިން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ ބަޔާނުގައި ޕީޖީ އާ ހަވާލަދީ ބުނެފައިވަނީ 03 ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް އެ މުއައްސަސާއިން ނިންމާފައިވާކަމަށް އަންގާފައިވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ ކޭމްޕަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އެގޮތުން، ތުލުސްދޫގައި އެކުދިންނަށް ހިންގާފައިވާ ކޭމްޕަކީ، މި ޚިދުމަތުގެ ފަރާތުން ރާއްޖޭގެ އެކިރަށްރަށުގައި އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭމްޕާއި ބްލޫޒް ފޮރ ޔޫތު ކޭމްޕްގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، އެކުދިންނަށް ހާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ ކެމްޕެއްކަމަށެވެ.

ފުލުހުންގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 2017 ވަނަ އަހަރު ހިންގުނު މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން، އެ ހިދުމަތާއި ހިއްސާކޮށްފައިވެސް ނުވާކަމަށެވެ. އަދި މި އެކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށް، މުއައްސަސާ ދިފާއުކޮށް، ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް މި ޚިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެއެވެ.

ފުލުހުންގެ މައްޗަށް ގާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު) ގެ ދަށުން ދައުވާ ކުރަން ނިންމާފައިވާ ނިންމުމާއިމެދު ހިތްހަމަނުޖެހޭކަން ހާމަކޮށް ބަޔާނުގައި ބުނެފައިވަނީ ދައުވާކުރަން ނިންމި ނިންމުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކޮށްދިނުމަށް އެދިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.