ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ސަން

އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމައުލޫމާތު ރިޕޯޓް ނުކުރުމުން އެ ހޮސްޕިޓަލުގެ 3 އިސް މުވައްޒަފުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޓްރީޓޮޕްގެ އިސް މުވައްޒަފުންތަކެއްގެ މައްޗަށް ދައުވާ ކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ލިބޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބި، އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ނުކޮށް، އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމަށެ ބުނެއެވެ. މި މައްސަލާގައި ދައުވާ ކުރަނީ ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާއާއި، ތ. ގުރައިދޫ، ކޮވެލިގެ، އާމިނަތު ސުހާގެ އިތުރުން ސ. ހުޅުދޫ، ޑޭޒީވިލާ، ނަޛީރާ ނަޖީބުގެ މައްޗަށެވެ.

މި ތިން މީހުންނަކީ ވެސް ޓްރީޓޮޕް ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވާރކްޕްލޭސް ބުލީއިން އެންޑް ހެރަސްމެންޓް"ގެ މެންބަރުންނެވެ. މި ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާއެވެ.

ވާރކްޕްލޭސް ބުލީއިން އެންޑް ހެރެސްމެންޓް ކޮމިޓީގެ 3 މެންބަރެއްގެ މައްޗަށް ދައުވާ ކުރަނީ 22 ޑިސެންބަރު 2020 ދުވަހު ހިނގި ހާދިސާއެއްގެ މައުލޫމާތު އެނގިހުރެ، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާތީއެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ ރޮމަރ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ ނޭންގި މައްސަލާގައެވެ.

މި މައްސަލައަކީ އާންމު ފަރާތްތަކަކުން ޕީޖީ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރުމަށް އަމުރުކުރި މައްސަލައެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.