އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރަމުންއައި ފިލިޕީންސް އަށް ނިސްބަތްވާ އަންހެން ނަރުސް މަރުވެފައިވަނީ ދަންޖެހިގެން ނޫންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ދަންޖެހިގެން މަރުވީކަމަށް ބުނެ، ނަރުސް މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. ނަމަވެސް މޭރީ ގްރޭސްގެ މަރުގެ ހަޤީޤަތް ދަނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމީ އެކަމުގައި ޝަކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުގެ ސަބަބުންނެވެ.

ޕޯސްޓްމޯޓަމް ހެދުމަށް މޭރީ ގްރޭސްގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

އެ މަރާއި ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށެވެ. އަދި މަރުގެ ސަބަބެއްކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ މެރީ މަރުވެފައިވަނީ "ބްލަންޓް ފޯސް ޓްރޯމާ" އެއްގެ ސަބަބުންކަމަށެވެ. އެއީީ އެއްޗަކުން ޖެހުމުން ލިބޭ އަނިޔާ އެވެ.

މި މަރާއި ގުޅިގެން މޭރީ ގްރޭސްގެ ފިރިމީހާ ހުރީ ހައްޔަރުކޮށްފަ އެވެ. އޭނާއަކީވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްއަށް ނިސްބަތްވާ ނަރުހެކެވެ. އެ ދެ މީހުން ކައިވެނިކޮށްފަިއވަނީ މީގެ ފަސް އަހަރު ކުރިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.