ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދު މަތީ ތަޢުލީމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑަރ ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީއެވެ.

މި އެމްއޯޔޫގެ އެއް ބޭނުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް މަތީ ތަޢުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި ތަޢުލީމީ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމެވެ. މިއީ ހަތަރު އަހަރުދުވަހުގެ މުއްދަތަށް ސޮއިކުރެވޭ އެމްއޯޔޫއެކެވެ.

އެމްއޯޔޫގެ ދަށުން ހަންގޭރީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަތަރު އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު 15 ސްކޮލަރޝިޕް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވެއެވެ. އެއީ ފުރަތަމަ ޑިގްރީ، މާސްޓަރސް ޑިގްރީ، ޕީ.އެޗް.ޑީ އަދި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިމެނޭ ގޮތުންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި އެމްއޯޔޫގެ ދަށުން މިއަހަރަށް ކަނޑައެޅިފައިވަނީ، ފުރަތަމަ ޑިގްރީގެ 6 ފުރުސަތާއި މާސްޓަރސް ޑިގްރީގެ 7 ފުރުސަތާއި ޕީ.އެޗް.ޑީގެ 2 ފުރުސަތެވެ.

މި ސްކޮލަރޝިޕްތަކުގެ ތެރޭގައި އެގްރިކަލްޗަރ ސައިންސް، އާރޓްސް އެންޑް ހިޔުމެނިޓީޒް، ސޯޝަލް ސައިންސް، ކޮމްޕިޔުޓަރ ސައިންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ، އިކޮނޮމިކް ސައިންސް، އެންޖިނިއަރިން ސައިންސް، ހެލްތު ސައިންސް، ޓީޗަރ ޓްރެއިނިންގ، ސްޕޯޓް ސައިންސް، ނޭޗަރަލް ސައިންސް ފަދަ ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ސްކޮލަރޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ދެކޮޅު ޓިކެޓް ފިޔަވައި ހުރިހާ ޚަރަދެއް ހަމަޖައްސަވާނީ ހަންގޭރީ ސަރުކާރުން ކަމަށެވެ. ދެކޮޅު ޓިކެޓްގެ ޚަރަދު ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

މިނިްޓްރީން ބުނިގޮތުގައި މިއަހަރަށް ކަނޑައެޅިފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ނޮވެންބަރު މަހުގެ ފަހުކޮޅު އިޢުލާނުކުރެވޭނެއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރެވުނީ އޮންލައިން ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، އޮނަރަރީ ކޮންސަލް އޮފް ހަންގޭރީ އިން ދި މޯލްޑިވްސް މުޙައްމަދު ޢަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.