މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ސުޕްރީމްކޯޓުން މިއަދަށް ތާވަލުކުރީ އިނގިރޭސިވިލާތުގައި ހުންނެވި، އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެކެވެ.
މި އަޑުއެހުން ކެންސަލްކުރީ، އޭނާ މިއަދު އަޑުއެހުމަށް ހާޒިރުކުރެވިފައިނުވާތީ އެވެ.
ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި މައްސަލަ، ޕީޖީ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް މަައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެ ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ޕީޖީން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ޕީޖީން މައްސަލަ ހުށަހެޅީ ކޯޓުގެ އިހްތިސޯސް ނުހިނގާ ތަނެއްގައި ޝަރީއަތް ހިނގާނަމަ ކޯޓުގެ ނިޒާމު ފަނޑިޔާރަށް ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ބުނެއެވެ. އެހެން އެކަން ކޮށްފިނަމަ ރޫލް އޮފް ލޯ ދެމެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މިއީ މި މައްސަލައިގައި އަދުލުވެރި ހުކުމަކަށް އައުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.