މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީކުރުމަށް ނިންމި ކުޑަގިރި ހިއްކުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންސްޓަރްކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

މާލެގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް، ޕިކްނިކް އައިލެންޑްއެއް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ކ. ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނިމުނު ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ރައްޔިތުންގެ ކުންފުނި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރަތްޔިތުން ޕިކްނިކް ދިއުމަށް ހިއްކުމަށް ކަނޑައަޅާފައިވާ ރަށް ހިއްކުމަށް މިއަދު ސައިޓް މޯބަލައިޒްކޮށްފައިވާ ކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތް ކުރަމުންދާނީ އަންނަ އަހަރުގެ އޭޕްރީލްގެ ކުރިން މަސައްކަތް ނިންމާލުމަށްކަމަށް އާޒިމް ވިދާޅުވި އެވެ.

ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ، 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަޝްރޫއު ހަވާލު ކުރީ 41 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ސްކޯޕަކީ 8 ހެކްޓަރ ބިން ހިއްކުމާއި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކް ވޯޓަރގެ އިތުރުން 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް ލުމެވެ.

މި ޕްރޮޖެކްޓްގައި މާލެއާ 10.5 ކިލޯމީޓަރު ދުރުގައިވާ ކުޑަގިރިއޭ ކިޔޭ ފަޅުގައި 2 ރަށްހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ހެކްޓަރުގެ ޕިކްނިކް އައިލެންޑްއަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާ 1.5 ހެކްޓަރުގެ ރަށެކެވެ.

ޕްކިނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރާ ކުޑަގިރި އަދި މާލެ ސަރަހައްދާއި އޮތް ދުރުމިން

ކުޑަގިރި ޕިކްނިކް އައިލެންޑްއެއްގެ ގޮތުގައި ތަރައްޤީކޮށް ނިމޭއިރު އޮންނާނެގޮތުގެ ކުރެހުމެއް

މި ޕްރޮޖެކްޓަށް ބޭނުންވާ ވެލި ނެގުމަށް ހަމަޖެހިފައިވަނީ މާލެ އަތޮޅު އެތެރެވަރިންނެވެ. ސަރުކާރުން ބުނެފައިވާގޮތުގައި އެއީ މިހާރުވެސް ގިނަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވެލި ނަގަމުންދާ ސަަރަހައްދެކެވެ. އަދި މި ޕްރޮޖެކްޓަށް ޖުމުލަ 250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

 

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.