ރާއްޖޭގެ ގައުމީ ވޮލީބޯޅަ އަދި ހޭންޑްބޯޅަ ޓީމުތަކަށް ބަހްރައިންގައި ތަމްރީން ހެދުމުގެ ފުރުސަތު ފަހިވެފައިވާކަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.

މަހްލޫފް މިހާރު ބަހްރައިންއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ގައުމުގެ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސް އާއި ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްއާ ވެސް ބައްދަލުކުރައްވާފައެވެ.

އެގޮތުން އެގައުމުގެ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމުތަކަށް އެގައުމުގައި ތަމްރީން ހެދުމުގެ ދައުވަތު ދެއްވާފައިވާތީ ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިން ޔަގީންކަމަށް ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ބަހްރައިންގެ ހޭންޑްބޯޅަ އެސޯސިއޭޝަންގެ ރައީސްއަށް ރާއްޖެއިން މަރުހަބާ ދެންނެވުމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައެވެ.

ބަހްރައިންގެ ވޮލީ އެސޯސިއޭޝަންގެ ރައީސްއާ ވެސް މަހްލޫފް ބައްދަލުކުރައްވާފައިވާއިރު ރާއްޖޭގެ ގައުމީ ޓީމުތަކަށް ތަމްރީން ހެދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށާއި ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގައި މަހްލޫފް ވަނީ ބަހްރައިންގެ ކުޅިވަރާއި އަދި ޒުވާނުންގެ މިނިސްޓަރާއި ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި މި ދާއިރާއިން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ މެދުގައި ސޮއިކުރެއްވޭ ފަހުމުނާމާއާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *