ޗެލްސީއަށް ކުރިން އިރުޝާދު ދިން އެންޓޯނިއޯ ކޮންޓޭ ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ޓޮޓެންހަމް އިން ބުނީ، އެ ކްލަބުގެ ހެޑް ކޯޗަކަށް ކޮންޓޭ ގެނެސްފައިވާ ކަމަށާއި، އެނާއާއެކު އެއްބަސްވުން ހަދާފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއްބަސްވުން އާކުރުމުގެ އިހްތިޔާރުވެސް ވަނީ ހިމަނާފައެވެ.
ޓޮޓެންހަމަށް ބަދަލުވުމަށްފަހު އެ ކްލަބަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ، ކޯޗުކަމުގެ ތެރެއަށް އަނބުރާ އާދެވެމުން ވަރަށް އުފާވެފައި ހުރި ކަމަށާއި، ކްލަބުގެ މަސައްކަތްތަކައިގެން ކުރިޔަށްދާން ކެތް މަދުވެފައި ހުރި ކަމަށެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި ޔުވެންޓަސްގެ އިތުރުން އިޓަލީ ގައުމީ ޓީމަށް ކުޅެފައިވާ ކޮންޓޭ ވަނީ ކޯޗެއް ގޮތުގައި ޔުވެންޓަސްއާއެކު ޖެހި ޖެހިގެން 3 އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ޗެލްސީއަށް 2 އަހަރު އިރުޝާދު ދީފައިވާއިރު، ފުރަތަމަ ސީޒަނުގައި ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން ކޮންޓޭ ވަނީ އިޓަލީ ގައުމީ ޓީމާ ހަވާލުވެ، އެޓީމާއެކު 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލަށް ސްޕެއިން އަދި ބެލްޖިއަމް ކަޓުވާލުމަށްފަހު ދަތުރުކޮށްފައެވެ.
އިންޓަ މިލާންގެ ކޯޗުކަމާ އެންމެ ފަހުން ހަވާލުވެގެން ހުރި ކޮންޓޭ ވަނީ އެ ކްލަބަށް 11 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިޓާލިއަން ލިގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އިންޓަ ވަނީ ޔޫރޮޕާ ލީގުގެ ދެވަނަވެސް ހޯދާފައެވެ.