މުޅި ދުނިޔޭގެ ކަޅިވެސް ހުއްޓި އޮތީ، ކޮޕް ސަމިޓަށެވެ. އެ ސަމިޓަށް ކުރާ އުއްމީދުތައްވެސް ބޮޑު އެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު، މިއީ ދުނިޔެއަށް މި މައްސަލާގައި ހައްލެއް ހޯދަން ލިބޭނެ ފަހު ފުރުސަތުކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެހެންކަމުން ނަތީޖާ ނިކުންނާނެ ފަދަ ހައްލުތަކަކަށް މި ސަމިޓުގައި އަންނަންޤައުމުތަަށް މަޖުބޫރުކަމަށްވެސް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.

ތިމާވެށީގެ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށްކުރާ އެއްޤައުމަކީ ދިވެހިރާއްޖެކަމަށްވާއިރު، ސަމިޓަށް ސަރުކާރުންވެސް ބޮޑު އުއްމީދުތަކެއް ކުރެ އެވެ. ހައްލުތަކަކަށް އެއްބަސްވެވި، ތިމާވެށީގެ ނުރައްކަލުން ދިވެހިން ސަލާމަތްކުރުމަށް ކޮންމެވެސް ފިޔަވަޅުތަކަކަށް އެއްބަސްވެވޭނެކަމުގެ އުއްމީދުގައި ސަމިޓަށް ސަރުކާރުގެ ބޮޑު ވަފުދެއް ވަނީ އިނގެރޭސިވިލާތުގަ އެވެ. މިއީ ނިމިދިޔަ 12 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ކޮޕް ސަމިޓަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު އެވެ.

ސަމިޓަށް ވަޑައިގެންނެވުމުގެކުރިން ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވީ ކޮޕް ސަމިޓަށް ވަޑައިގަންނަވަނީ ދިވެހިންގެ ދިރިހުރުން ގުޅިފައިވަނީ ތިމާވެއްޓާއިކަމަށްވާތީކަމަށެވެ. އެންމެވެރިކަމާއި، ދަނޑުވެރިަކން ނެތިގޮސް، ރަށްތައް ފެނަށްޖެހި، ފަރުތައް މަރުވުން އެއީ ރާއްޖެއަށް ކުރިމަތިލާންޖެހޭ ތިމާވެސީގެ ބޮޑެތި މައްސަލަތައްކަން ފާހަގަކޮށް މިނިސްޓަރ ވިދަޅުވީ ކޮންފަަރެންސްގައި ރާއްޖެއިން ވަކާލާތުކުރާނީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޖައްވަށްދޫކުރާ ވިހހަ ގޭސްތައް، އެންމެ ދަށްކުރުމަށް ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ޕެރިސް އެގްރިމެންޓުގައި އެއްބަސްވިފަދައިން 100 ބިލިއަން ޑޮލަރު އަހަރަކު ރަށް ގިރުމަށާއި، ތިމާވެށި ހިމާޔަތްކުރުން ފަދަ މަސައްކަތްތައް ކުރުމަށް ފައިސާ ދޫކުރުމަށް.

މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ، ދިވެހިން ކޮންމެ ދުވަހަކު ކުރާ ހަނގުރާމައެއްކަމަށެވެ. އަދި މި ޤަރުނުގެ ފަހުކޮޅުގައި ފެންނާނެކަމަށް ލަފާކުރެވުނު ބައެއް މަންޒަރު ރާއްޖޭގައި މިހާރު ފެންނަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިި އެވެ.

އަޅުގަނޑުމެންގެ މުރަކަ ފަރުތައް މަރުވަމުން މިދަނީ، އަޅުގަނޑުމެންގެ ރަށްތައް ފެންބޮޑުވެ، އަޅުގަނޑުމެން ނަށް ފެން ހުސްވަމުން މިދަނީ.

މޫސުމި ބަދަލުތަކުގެ ނުރައްކަލާ ދިވެހިން ކުރިމަތިލާންޖެހޭ މިންވަރުގެ ބޮޑުކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވިގޮތުގައި ދިވެހިްނަނށް އިންތިޒާރު ކޮށްގެން ތިބެވޭކަށެއް ނެތްކަމަށެވެ. 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ހިފެހެއްްޓުމަށް ދުނިޔެއިން އެއްބަސްވުމަކާ ހަމައަށް އައުމަށް ރާއްޖެއިން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކުރެވިފައިވާ ބައެއް މަސައްކަތްތައް ފާހަގަކޮށް މިނިސްޓަރ ވިދާޅުވިގޮތުގައި ދިވެހިން ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރަށް މިސްރާބުޖަހާފައިވާކަމަށެވެ. އަދި ކަނޑުތަކުގެ 20 އިންސައްތަ ހިމާޔަތްކުރެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެހެންވީމާ، މުޅި ދުނިޔެއަށް ވެސް މިކަން ކުރެވިދާނެ. އަޅުގަނޑުމެން އެންމެން ގުޅިގެން ދުނިޔެ ބޭނުންވޭ.

ބައިނަލްއަޤްވާމީ ޖަމިއްޔާ ކަމުގައިވާ، އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް (IPCC) އިން މި އަހަރު އާންމުކުރި ރިޕޯޓުގައިވާގޮތުން ކައިރި މުސްތަޤްބަލެއްގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކަޑައަޅާފައިވާ ލަނޑުދަޑިއަށް ވާސިލްނުވެވޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވަރަށް އަވަސް ބާރުމިނެއްގައި އައިސްފަ، އަދި ކުރިއަށް އޮތްތަނުގައިވެސް މިހާތަނަށް ފެނިފައިނުވާފަދަ ބަދަލުތައް ކުރިއަށްއޮތް ތަނުގައި ފެނުން އެކަށީގެންވާކަމަށް ރިޕޯޓުގައިވެއެވެ.