ރައީސް ސޯލިހް

ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ އޭގެ ކޮލިޓީ ހިފެހެއްޓިގެން ކުރާކަމަކަށްވުމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު މަސްޖިދުލް ހުދާ ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުން ބުނީ، ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ބިނާކުރާ މި މިސްކިތުގައި އެއް ވަގުތަކު 450 މީހުނަށް ނަމާދުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެއަށްފަހު ނައިބްރައީސް ވަނީ ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވާ، އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފައެވެ.

ނައިބްރައީސް ފައިސަލް ނަސީމް ފުވައްމުލަކުގައި --- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުއްވުމަަށް ފަހު ނައިބްރައީސް ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ގެންގުޅުއްވާ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެފަދަ މާހައުލެއް އިރާދަކުރެއްވިއްޔާ ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

މިއަދު ހެނދުނު ނައިބްރައީސް ވަނީ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސް ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަޤުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ 4 އަވަށުގެ 4 ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަމާއިމެދު މަޝްވަރާކުރައްވައިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާއިމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި ސިޔާސަތުތައް ހިއްސާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.