އިދިކޮޅު ޕީޕީއެމް އުފެއްދިތާ 10 އަހަރު ފުރުނު އިރު މިހާތަނަށް ވެސް އެ ޕާޓީ އަކީ ވަރަށް ކާމިޔާބު ޕާޓީއެއް ކަމަށާއި، ޕާޓީގެ ކާމިޔާބަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ރައީސް ޔާމީން ނުހައްގުން ޖަލަށް ލާފައި ވުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައި ބުނީ ޕީ.ޕީ.އެމް ގެ 10 އަހަރުގެ ތާރީހަށް ބަލާލާއިރު، ޕީ.ޕީ.އެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖެގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ. އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިޚާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކަމަށާއި އެ އިންތިހާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ކުރީގެ ރައީސްއަބްދުﷲ ޔާމީން ކާމިޔާބުކުރެއްވި ކަން ފާހަގަކޮށްފައިވެއެވެ.

ހަމަ އެ އަހަރުގެ މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކޮށް، އެ ޕާޓީން ފަސް އަހަރުގެ ދައުރެއް ނިންމާލި އިރު، ރާއްޖެ އަށް އެކި ގޮތް ގޮތުން ވަރަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވައި، ދިވެހީންނަކީ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުންވެސް ވަނީ އެތައް ކާމިޔާބިއެއް ހާސިލު ކުރައްވާފައެވެ. އުމަރާނީ ގޮތުންނާއި، ތައުލީމީ ދާއިރާއިންނާއި، ސިއްހީ ދާއިރާންނާއި، ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެނޫން ދާއިރާތަކުންވެސް ވަނީ މިގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވާފައެވެ.

އެ ޕާޓީން ބުނީ އެ ޕާޓީގެ ހުރިހާ ކާމިޔާބީއެއްގެ އެންމެ ބޮޑު މޭސްތިރި އަކީ ޔާމިން ކަމަށެވެ. އަދި ޕާޓީގެ ކާމިޔާބަށް މިހާރު އަޅާފައިވާ އެންމެ ބޮޑު ހުރަހަކީ ރައީސް ޔާމީން ޖަލަށް ލާފައި ވުން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މިހާލަތުގައި ޕާޓީ އަށް ލިބޭ އެންމެ ބޮޑު ހިއްވަރަކީ އެމަނިކުފާނަށް ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް އެމަނިކުފާނު ޖަލަށް ލާފައި ވަނީ ނުހައްގުން ކަން ގަބޫލުކޮށް، އެތައް ބަޔަކު އެމަނިކުފާނުގެ ހައްގުގައި ނިކުމެ އަޑު އުފުލުން ކަމަށް އެ ޕާޓީން ބުނެއެވެ.

ހަމައެއާއެކު މިވަގުތު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ  ޔާމީން ކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.