މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުކުރެވޭ މީހާ ދަނގެތީ ޕޮލިސް ސްޓޭޝަނަށް ވައްދަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޖިސްމާނީ އަނިޔާދީ ރަހުމު ކުޑަގޮތަކަށް އދ. ދަނގެތި، މޮނަލާޒް، މަޙްމޫދު އަބޫބަކުރު މަރާލާފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ ޝާ އަލޮމް މިއާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަޙްމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، 14 އޮކްޓޯބަރ 2021 ވަނަ ދުވަހު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ފަޅު ގެއެއްގެތެރޭގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައި ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 16 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ ހެނދުނު 10:30 އެހައިކަންހާއިރު 29 އަހަރުގެ ބަންގްލަދޭޝް މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި، އަދި ޝާ އަލޮމް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. ދަނގެތި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގަށް ޝާ އަލޮމް މިއާ އދ. ދަނގެތީގައި ދިރިއުޅެމުންދިޔަގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި، މަޙްމޫދު އަބޫބަކުރުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކިތައް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ކޮމިސައިޑް އިންވެސްޓިގޭޝަންގެ ތަހުގީގު ޓީމަކާއި އދ. އަތޮޅު ފުލުހުންގެ އިތުރުން ފޮރެންސިކް ތަހުލީލު ޓީމެއް ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.