ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ގުރައިދޫ މަރުކަޒަށް ކުރެއްވި ޒިޔާރަތުގެތެރެއިން. ފައިލް ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ލޮކްޑައުން ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމަރުކަޒު ލޮކްޑައުންކުރަން ނިންމައި، އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން، އެ މަރުކަޒަށް މީހުން ވަދެ ނިކުމެއުޅުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަރުކަޒުގައި ތިބި ޕޮޒިޓިވް ވެފައިވާ ފަރާތްތަކާއި އަދި މަރުކަޒުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މަރުކަޒުގެ ސިއްހީ ޚިދުމަތްތެރިންގެ ޓީމުން ގެންދަނީ ގުރައިދޫ ސިއްހީ މަރުކަޒުގެ އިރުޝާދާއި ލަފާގެ މަތީން ފިޔަވަޅުތައް އަޅާ، އެޗް.ޕީ.އޭގެ ގަވާއިދާއި އެއްގޮތް ވާގޮތުގެ މަތީން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖެންޑަރ އިން ބުނީ މަރުކަޒުގައި ތިބޭ ހުރިހާ މީހުންނާއި މުވައްޒަފުންވަނީ ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ގަވާއިދުން ސިއްހީ ހާލަތު މޮނިޓަރކޮށް އިތުރު ފަރުވާ ލިބެންޖެހޭނެ އެންމެނަށްވެސް ފަރުވާ ދެމުންދާ ކަމަށެވއ.ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައި ކަމަށާ އެނޫން މީހުން އައިސޮލޭޓް ކޮށްފައިވަނީ މަރުކަޒުގައި ކަމަށްވެސް މިނިސްޓްރީން ވަނ ބުނެފައެވެ.

ގުރައިދޫ މަރުކަޒުގެ ކޮވިޑްގެ ހާލަތު އާންމު ހާލަކަތަކަށް އަނބުރާ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިއަދު ހެނދުނު މަރުކަޒުގެ އިސްވެރިންނާއި އަދި ގުރައިދޫ ކައުންސިލްގެ ރައީސް އާއި، ހެލްތް ސެންޓަރުގެ އިސްވެރިޔާއާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މިވަގުތު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން ސިއްހީ މަރުކަޒާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓާއި ކޮންޒިއުމަބްލްސް އަދި އެނޫންވެސް ވަސީލަތްތައް ގުރައިދޫއަށް ޖަމާކުރުމުގެ މަސައްކަތް އިންތިޒާމު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވާ، އިތުރަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.

ޖެންޑަރ އިން ބުނީ މަރުކަޒުގެ މުވައްޒަފުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގެ ތެރޭގައި ތިބުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިއަދު މަރުކަޒަށް ގެންގޮސްފައިވާ ކަމަށާ ރައްކާތެރިކަމަށް ކުރިއަށްއޮތްތަނަށް ބޭނުންވާނޭ ޕީޕީއީ ކިޓާއި އެނޫންވެސް ސާމާނު ވެސް ގެންގޮސް ނިމިފައިވާ ކަމަށެވެ. އަދި އިތުރަށް ބޭނުންވާ މެޑިކަލް ސަޕްލައިސް އާއި ކޮންޒިއުމަބަލްސް މާދަމާ މަރުކަޒަށް ގެންދާނެ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ރަށުގެ ސިއްހީ މަރުކަޒާއި ހާއްސައެހީއަށްބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ އިތުރު ސިއްހީ ޚިދުމަތްތެރިން ގުރައިދުއަށް ދިއުމުގެ އިންތިޒާމު މިހާރު ގެންދަނީ ހަމަޖައްސަމުންނެވެ.

މަރުކަޒުގައި ތިބި ބަލި މީހުންނަށް ދޭންޖެހޭ ސޯޝަލް ސަޕޯޓުދިނުމަށް މިކަމުގެ ތަމްރީނު ލިބިފައިވާ ދެ ސޯޝަލްވޯކަރުން ލޮކްޑައުންގެ މުއްދަތުގައި މަރުކަޒުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

 ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން، ލޮކްޑައުންގައި ތިބި ފަރާތްތަކާއި މިހާލަތުން އަސަރު ކޮށްފައިވާ ރަށުގެ އެކި ފަރާތްތަކަށް އޮންލައިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ސެޝަންތައް ނަގައިދޭނެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.