ބަންގްލަދޭޝް އާއި މިޔަންމާ ބޯޑަރުގައި އޮންނަ ރޮހިންޖާ ރެފިއުޖީ ކޭމްޕެއްގެ އިސްލާމިކް ސެމިނާރީއަކަށް ދިން ހަމަލާއެއްގައި 7 މީހުން މަރާލާފައިވާ ކަމަށް ބަންގްލަދޭޝްގެ ފުލުހުން ބުނެފި އެވެ.
ބޭރުގެ މީޑިއާތަކުން ސަރަހައްދީ ފުލުހުންގެ އިސްވެރިޔަކާއި ހަވާލާދީ ބުނެފައިވަނީ ކޭމްޕުގައި ތިބި ބައެއް މީހުންގެ ގަޔަށް ބަޑިޖެހިއިރު، ވަޅިން ވެސް ހަމަލާދީފައިވާ ކަމަށެވެ.
މިހަމަލާގެ ވަގުތުގައި 4 މީހުން މަރުވިއިރު އިތުރު 3 މީހުން މަރުވީ ބަލޫޚާލީ ކޭމްޕްގެ ހޮސްޕިޓަލެއްގައި ޒަހަމްތަކަށް ފަރުވާހޯދަމުންދަނިކޮށެވެ. މަރުވި މީހުންގެ އަދަދު ހާމަކުރިނަމަވެސް، ޒަޚަމްވީ މީހުންގެ އަދަދެއް އެއްވެސް ރަސްމީ އިދާރާއަކުން ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.
ހަދިސާ ހިނގި ވަގުތު، ފުލުހުން ވަނީ ހަމަލާދިން އެކަކު ހައްޔަރުކޮށްފައެވެ. އެ މީހާ ހައްޔަރުކުރިއިރު، ފިސްތޯލައަކާއި ގޮވާތަކެއްޗާއި ވަޅިއެއް ފެނުނު ކަމަށް ބަންގްލަދޭޝް ފުލުހުން ބުނެފައިވެއެވެ.
މިފަދަ ހަމަލާތައް އިތުރުވެފައި މިވަނީ މީގެ ތިން ހަފްތާ ކުރިން ރޮހިންޖާ ދަރިކޮޅުގެ ކޮމިއުނިޓީ ލީޑަރު މޮހިބުالله ގެ އޮފީސް ބޭރުގައި ބަޑިޖަހައި މަރާލި ހާދިސާއަށް ފަހުއެވެ. އެ މަރާއި ގުޅިގެން ހޯމް މިނިސްޓަރ ވަނީ އެ ސަރަހައްދުގައި ހުރި ރޮހިންޔާ ކޭމްޕްތަކުގައި ސަލާމަތީ ކަންކަން އިތުރުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ.