ޖާމިނުކޮށް ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުން މިނިވަންކުރާތީ ޕްރޮސިކިއުޓަރ ޖެެނެރަލް (ޕީޖީ) ހުސެއިން ޝަމީން ފަނޑިޔާރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީޖީގެ ފާޑުކިޔުންތައް އަމާޒުކުރެއްވީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށެވެ.
ޕީޖީ ހުސެއިން ޝަމީމް ޓުވިޓަރުގައި ވިދާޅުވީ ޤާނޫނުގައި، ކަފާލާތުން ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮންނަކަމަށެވެ. ނަމަވެސް އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ޖެހެނީ ހައިކޯޓުގައި އިސްތިއުނާފްކުރުމަށްކަމަށާ އޭގެ ސަބަބުން ގެއްލިގެންދަނީ ވަގުތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދަށު ކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ.
ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމީމާ، އަޅުގަނޑުމެން ޖެހެނީ ހައިކޯޓަށް ދާށެވެ. ދަށުކޯޓުގެ ހަމަ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެއެވެ.
— Hussain Shameem (@HuShameem) October 21, 2021
މީގެކުރިންވެސް ޕީޖީ ވަނީ ޖާމިނުކުރެވޭގޮތާއިމެދު ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލާގައެވެ. އެ މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓް ދުކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ޖާމިނުވާގޮތަށެވެ.
އޭގެއިތުރުން އިއްޔެވެސް ކްރިމިނަލް ކޯޓުން ވަނީ އެފަދަ ނިންމުމެއް ނިންމާފަ އެވެ. އެއީ ސީލައިފް ކުންފުނިން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލައިގެން އުޅެނިކޮށް ލަންކާއިން ހައްޔަރުކުރި ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމި ނިންމުމެވެ.
އިއްޔެގެ އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމެވީ އަންމަޓީގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮ ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމަށެވެ. އެއީ އޭނާގެ ކޮއްކޮ އަފީފާ މޫސާއާއި، ދައްތަ މަރިޔަމް ނައީމާ އެވެ.
ގާޒީ ވަނީ ޖާމިނުވުމުގެ އިގުރާރާއި ޚިލާފު ވެއްޖެ ނަމަ، ޖާމިނުވާ ފަރާތުން ޒިންމާ ނަގަން ޖެހޭނެ ކަން ހަނދާން ކޮށްދެއްވާފައެވެ. ދައުލަތުން އެކަމާ ދެކޮޅު ހެދި ނަމަވެސް، ގާޒީ އަށް ފެނިވަޑައިގަތީ ޖާމިނުކުރި ދެ މީހުންގެ ކިބައިގައި ވެސް ޝަރުތު ހަމަވާ ކަމަށެވެ.
[…] ޕީޖީގެ ފާޑުކިޔުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް […]