ރައީސުލްޖުމްހޫރިއްޔާ އއ. ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

އއ. ތޮއްޑޫގައި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތޮއްޑޫޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ތޮއްޑޫގެ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް އައިޖީއެމްއެޗްގެ އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކަމަށެވެ.

ތޮއްޑޫގެ މަގުހެދުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ކަމަށާއި، ރަށުގެ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް ނިމި 12 ކްލާސްރޫމް ނިމިފައިވާކަމުގައި ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ގޮތްތަކެއް ބައްލަވަމުން ގެންދަވާކަމަށް އެ ރަށުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ބައްދަލުކުރެއްވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ތޮއްޑޫގެ ބަނދަރުގެ މަސައްކަތުގައި ރައްޔިތުން ހުށަހެޅުއްވި ކަންކަމަށް ރިޔާއަތްކޮށް މަސައްކަތްކުރިޔަށް ގެންދަވާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

މިއަދު ހެނދުނު ތޮއްޑޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ރައީސް ސޯލިހުއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ މަގު ހެދުމަށް ބޭނުންވާކަމަށާއި، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރުގެ އެކްސްޓެންޝަން މަސައްކަތާއި ދޭތެރޭ ހުރި ހުށަހެޅުންތަކާއި، ސްކޫލަށް ބޭނުންވާ އިތުރު ކަންކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ހިމެނޭހެން ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ފާހަގަކުރައްވާއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އޮފީސް އިމާރާތެއް ނެތުމުން ދިމާވާ ދަތިތައް ރައީސް ސޯލިހުއާ ހިއްސާކުރައްވާފައިވާއިރު، ތޮއްޑޫ ކައުންސިލުން ބުނެފައި ވަނީ އެ ކައުންސިލްގެ އަމާޒަކީ ލާމާރުކަޒީ ޤާނޫނަށް ގެންނަ ބަދަލާއިއެކު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ފުރިހަމަ ބޭނުން ހިފައި ރަށަށް ތަރައްގީ ގެނެސްދިނުންކަމަށެވެ.

މި ބައްދަލުވުމަށްފަހު ރައީސް ސޯލިހު ވަނީ ތޮއްޑޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާ، އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފައެވެ. އަދި އެމަނިކުފާނު ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވައިލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.