ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު -- ޖަޒީރާ ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ)

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭ ކަމަށް ފޮރިން މިނިސްޓަރު އަދި އދގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 4 ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި ތަގުރީރު ކުރައްވަމުންނެވެ. ޝާހިދު ވިދާޅުވީ ފެނަކީ ދިރުން، އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއް ކަމަށެވެ.

ޔުނިސެފްގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، 450 ކުޑަކުދިން ހިމެނޭހެން 1.42 ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބި ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ.

ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި ތަގުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނޭ. އެއްވެސް ހަމައެއްގައި މިކަމެއް ރަނގަޅެއް ނޫން. މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން އަޅުގަނޑުމެން އެބަޖެހޭ.

ޝާހިދު އިތުރަށް ވިދާޅުވީ ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، މި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއް ކަމަށެވެ. އަދި އާ ޓެކްނޮލޮޖީތަކަށް އެކްސެސް ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތްތައް ބަލަހައްޓައި ތަރައްގީ ކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތައުލީމަށާއި ވަޒީފާއަށާއި ސިއްހީ ޚިދުމަތަށް، ނޫނިއްޔާ ތިމާވެށްޓަށް ވެސް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.