ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރި ކުރުން އެމަނިކުފާނު ދިފާއުކުރައްވައިފިއެވެ.

ޖީއެމްއާރަށް އެއާޕޯޓު ހަވާލުކުރީ 2010 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެންނެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަން ވެއްޓި އޭރު ނައިބުރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުންނަވައިގެން އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ. އޭގެ ސަބަބުން ދައުލަތަށް ގެއްލުން ވެސް ވެފައިވެއެވެ.

އެ އެއްބަސްވުމުގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެފައި މިވަނީ އޭރު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މަރިޔަމް ޒުލްފާ އެ އެއްބަސްވުމުގެ ވާހަކަ ފެންމަތިކުރުމާ ގުޅިގެންނެވެ. ކްލަބްހައުސްގައި ފޯރަމެއްގައި ވާހަކަދައްކަވަމުން ޒުލްފާ ވަނީ އެއީ ވަރަށް ފީކަޅާ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެ އެއްބަސްވުން ދިފާއުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2010 ވަނަ އަހަރު ވޯލްޑް ބެންކުގެ އެހީގައި ޓެންޑަރކޮށް ކާމިޔާބުކުރި ޖީއެމްއާރް އަށް ހަވާލުކުރީ ރާއްޖޭގެ އިގްތިސޯދު ދެ ގުނައަށް ކުރިއެރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި އޭރު ވެސް މިހާރު ވެސް މާހިރުން އެދެމުން އަންނަނީ އެއާޕޯޓު ބޮޑުކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެންޕީވީ ގެ މިންގަނޑަށް ބަލާއިރު އެންމެ ފައިދާ ބޮޑު ކަމަށް ފެންނަނީ ޖީއެމްއާރްގެ ހުށަހެޅުން ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށް އަދާކުރި 78 މިލިއަން ޑޮލަރަކީ ބީލަން ހުށަހެޅި ހުރިހާ ފަރާތަކަށް ބަލާއިރު ވެސް އެންމެ މަތީ އަދަދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވިއިރު ފިނޭންސް މިނިސްޓަރ އަމީރު ވެސް ވަނީ ޖީއެމްއާރް އެއްބަސްވުން ދިފާއުކުރައްވާފައެވެ. އެ އެއްބަސްވުން އުވާލުން އެމަނިކުފާނު ސިފަކުރައްވާފައި ވަނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަހުގެ ގޮތުގައެވެ.

މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށާ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކަކާއި، އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކުކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ ސޮއިކުރި އެއްބަސްވުން 2012 ވަނަ އަހަރު އުވާލުމާއި ގުޅިގެން  ބަދަލުގެ ގޮތުގައި ރާއްޖެއިން، ޖީމްއެއާރަށް 270 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.