ނޫސްވެރިން ކުރި އިހްތިޖާޖެއްގެ ތެރެއިން -- ފޮޓޯ: ވަގުތު

ނޫސްވެރިޔާއަށް ލިބިފައިވާ މައުލޫމާތުގެ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާ ބެހޭ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން އެ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވައިރު އެ މުއްދަތު ހަމަވަނީ އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ނިމި މިހާރު ޖުޑީޝަރީ ކޮމިޓީން އަންނަނީ ބިލު ދިރާސާކުރަމުންނެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމާއި، އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެކަން ބަޔާންކޮށްފައިވާއިރު، ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެކަމަކު އެ މާއްދާގެ (ށ)ގައި ވަނީ މަޖުބޫރުކުރެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން އެ މައްސަލައަކަށް ބަލާއިރު ނޫސްވެރިޔާއަށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ދެ ކަމަކަށް ވުރެ ބޮޑުނަމަ އެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރެވެއެވެ.

އެއީ: މައުލޫމާތު

  • ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ ކުޑަވުން.
  • ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާގިއާއެއް ނުވަތަ ރައުޔެއް އާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާގިއާތަކުގެ މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަވުން.

ބިލުގައި މިގޮތަށް ހިމަނާފައިވާތީ ކަމާ ގުޅޭ އިދާރާތަކުން މިކަމާ މެދި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މި ބިލުގައި ހިމަނާފައިވާ އެ މާއްދާއާ ދެކޮޅަށް ބަހުސް މަރުހަލާގައި ވާހަކަދައްކަވާފައެވެ.

މިކަމާ ގުޅިގެން އޭޖީ އޮފީހުން ބުނީ ހެއްކާބެހޭ ބިލުގައި ހިމަނާފައިވާ ކަންކަމުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖަޢާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް، ބިލުގެ ކޮމިޓީ މަރުޙަލާގައި ކުރިއަށްގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.