ރިޕޯޓްވައްޓަފާޅި

އާދޭސްތަކަށް ބީރު ކަންފަތެއް، މުޅި އުމުރު ދުވަހު ވޭނުގައި

ނަފްސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިއްމު އެއްޗެކެވެ. ޒަމާނުއްސުރެ އަޅާނުލެވި އޮތް މި މައްސަލަ ބޮއްސުން ލައިގެން ގޮސް، މިކަމުގައި ޖީލެއް ހަލާކުވަނީއޭ ވެސް ބުނެވި ދާނެއެވެ. މިއަދު ގިނަ ޒުވާނުން މިފަދަ މައްސަލަތަކަށް އަހުލުވެރިނަމަވެސް، އަދިވެސް ނަފްސާނީ މައްސަލަތަކަކީ ފަރުވާ ހޯދަން ޖެހޭ މައްސަލަތަކެއް ކަން ގަބޫލުނުކުރާ އެތައް ބަޔަކު އެބަ ތިއްބެވެ. ކުޑައިރުއްސުރެ، ފަރުވާ ބޭނުންވާ ކުދިންގެ މިފަދަ މައްސަލަތައް ހުންނަ ކަމަކަށް ގިނަ މައިންބަފައިން ގަބޫލުކުރަން ވެސް ބޭނުން ނުވަނީއެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ މަންމައަކާއި ބައްޕައަކަށް ވެސް އެމީހުންގެ ދަރިން ފުރިހަމަ ވާނެއެވެ.

ކުޑައިރުއްސުރެ މިފަދަ މައްސަލަތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާއާއި ހަމަޔަށް ދެވޭއިރު އޮންނަނީ މާ ލަސްވެފައެވެ. މުޅި އުމުރު ދުވަހު އެ ވޭނާއި ތަދުގައި އުޅެން އޮންނަނީ މަޖުބޫރުވެފައެވެ. މި ރިޕޯޓުގައި ބަލާލާނީވެސް މިފަދަ ކުއްޖެއްގެ ތަޖުރިބާއަށެވެ. ހާނީ (21 އ) (އަސްލު ނަމެއް ނޫން) ގެ މި ވާހަކައިން އޭނާ ބުނެދޭން ބޭނުންވަނީ ލަސްނުކޮށް، ފަރުވާ ހޯދުމަށެވެ.

ކުޑައިރު އަހަންނަކީ މަޑުމަޑުން ހުންނަ ކުއްޖެއް. އަބަދުވެސް މީހުންނާއި ދުރުން، ވާހަކަނުދައްކާ އުޅޭތީ މަންމަމެން ހީކުރަނީ އަހަންނަކީ ވަރަށް ބަސް އަހާ ކުއްޖެކޭ. އޭރު 10 އިޔަރޒް. މަޑުމަޑުން ހުންނަނީ ކީއްވެހޭ މަންމައާ ސުވާލުކުރުމުން އޭރުވެސް ބުނާނެ ހާދަ ބަސް އަހައިގެންނޭ އެހެރީ. 

އޭރު، ހާނީ އަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. އާއިލާއެއްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާގެ މަންމަ އާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅެވެ. ބައްޕަ މާލޭގައި ހުރިއިރު، މަންމަ ހުންނަނީ ހާނީއާއި އޭނާގެ ކޮއްކޮމެންނަށް ކިޔަވާދިނުމަށް ރަށުގައެވެ. ކިޔަވައިގެން މޮޅު ކުއްޖަކަވެ، އާއިލާ އަށް ރީތި ނަމެއް ހޯދަދިނުމަށް  މަސައްކަތްކުރަން އޭނާ އަށް އަބަދުވެސް ހިތްވަރު ލިބެއެވެ. ސްކޫލުން ބާއްވާ ކޮންމެ ކަހަލަ މުބާރާތެއް ނަމަވެސް، ހާނީ އަކީ ރަން ވަނަ ހޯދާ ކުއްޖެކެވެ.

އާއިލާގެ ގުޅުން ކުޑަވުން

ހާނީ ގްރޭޑް 5 އަކަށް ބަދަލުވީ މާލެއަށެވެ. މާލެ އައުމަށްފަހު އޭނާ ހުރީ އާއިލާ މީހެއްގެ ގޭގައެވެ. އެގެއަކީ އިންސާނަކު ދިރިއުޅެން އެކަށީގެންވާ ފެންވަރުގެ ތަނެއް ނޫންނަމަވެސް، ލިބުނު މިންވަރަށް ޝުކުރު ކޮށްލައިގެން ހާނީ ހުރީއެވެ. އެތައް ބަޔަކާއި އެކު އެއް ކޮޓަރިއެއްގައި އުޅެން ޖެހުނު ނަމަވެސް، އެއްވެސް ޝަކުވާއެއް ނުކުރީ، އޭނާ ކިޔަވައިގެން ނޫނީ އާއިލާއަށް ރަނގަޅު މުސްތަގުބަލެއް ހޯދާދެވެން ނެތް ކަމުގެ އިހުސާސު ކުރެވުމުން ކަމަށް އޭނާ ބުންޏެވެ. ކުޑަކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކާއި އެކު އުޅެން ޖެހުނު ނަމަވެސް އަބަދުވެސް އެކަނިވެރިކަން އިހުސާސު ކުރެވުނު ކަމަށް އޭނާ ބުންޏެވެ. މަންމަ އާއި ދުރަށް ދާން ޖެހުނު ނަމަވެސް، އޭރު ލިބުނު ހިތްހަމަޖެހުމަކީ ބައްޕަ އާއި އޮތް ގުޅުން ވަރުގަދަވާނެ ކަމުގެ އުއްމީދުކަމަށެވެ.

ބައްޕަޔަކު، ދަރިފުޅަކާ ވާހަކަދައްކާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް

އެހެންނަމަވެސް، މާލެއަށް އައުމާއި އެކު ހާނީގެ މުޅި ދިރިއުޅުން ބަދަލުވީއެވެ. ހާނީ ކުޑައިރުއްސުރެ އެންމެ ލޯބިވީ ބައްޕަގެ ފަރާތުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އަހަރުތަކެއް ފަހުން ބައްޕައާއި ބައްދަލުވުމުން، ބައްޕަ އޭނަ ދުރުކޮށްލީއެވެ. ބައްޕަގެ ލޯތްބަށް ކެތްމަދުވެފައި ހުރި ހާނީއަށް ހަރަދުކޮށްލުމުން ފުދޭނެ ކަމަށް ބައްޕައަށް ވެސް ހީވީއެވެ. މިކަމާ ދެރަވެގެން ހާނީ އެ ވާހަކަ ބުނީ އޭނާގެ މަންމަ ގާތުގައެވެ. އެހެންނަމަވެސް އޭނާގެ މަންމަގެ ފަރާތުން ލިބުނު ޖަވާބުން ހިތް ފަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ބައްޕަ މާ ބިޒީ އޭ. ލަދެއް ނުގަނޭތަ ހާނީއަށް ހަރަދުކުރަން ބައްޕަ އަބަދު އޮފީހުގަ އުޅޭ އިރު ޝަކުވާ ކުރަން. ހަމަ ހާނީއަށް ހަރަދުކުރަން މަސައްކަތް އެކުރަނީ

މަންމަގެ މި ބަސްތައް، އިއްޔެ އިވުނު ބަސްތަކެއްހެން ހަނދާނުގައި ހުންނަ ކަމަށް ހާނީ ބުންޏެވެ. އެދުވަހަށް ފަހު، އޭނާ ނިންމީ މަންމަ ގާތު އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ. ހާނީގެ އިހުސާސްތަކަކީ އަގެއް ނެތް އެއްޗެއް ކަން އެދުވަހު އޭނާ އަށް އެނގުނު ކަމަށް އޭނާ ބުންޏެވެ. އުމުރުން ކިތަންމެ ކުޑަ ނަމަވެސް، އަމިއްލަ ވާހަކަތައް އެހެން މީހުން ކައިރީ ނުދައްކަން އޭނާ އަށް އެދުވަހު ދަސްވި ކަމަށް ބުންޏެވެ. އަމިއްލަ މައްސަލަތައް ހައްލުކުރަން މީހެއްގެ އެހީއަށް އެދުމަކީ ދެރަކަމެއްގެ ގޮތުގައި އެދުވަހު އިހުސާސްވި ކަމަށެވެ.

މުދައްރިސުންގެ ފުރައްސާރަ: ހިމާޔަތަށް އެދި ދެން ދާނީ ކާކު ކައިރިއަށް؟

ހާނީ ބުނީ އެގޭގައި އުޅުނީ އާއިލާ ބައެއް ނަމަވެސް، ކުރެވުނީ ބީރައްޓެހި ބަޔަކާއި އެކު އުޅުމުގެ އިހުސާހު ކަމަށެވެ. އުމުރުން 10 އަހަރުއްސުރެ، ހުރިހާ ކަމެއް ކުރަނީ ވެސް އެކަންޏެވެ. އުމުރުން ކިތަންމެ ކުޑަ ނަމަވެސް، ބޮޑު މީހެއްގެ ޒިންމާ އުފުލަން ޖެހުނު ކަމުގެ އިހުސާސު ހާނީއަށް ކުރެވުނެވެ. ސްކޫލަށް ދާން ލާ ޔުނީފޯމުވެސް އެނގުނު ގޮތަކަށް އިސްތިރިކޮށްލައިގެން، އެނގުނު ގޮތަކަށް ބުރުގާ އަޅައިގެން ދަނީއެވެ. ކައްކާނެ ވަގުތެއް ނެތިއްޔާ، އެދުވަހު ސްކޫލަށް ދާނީ ހުސް ބަނޑާއެވެ. އަޅާލާނެ މީހަކު ނުވެއެވެ.

ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއްގެ ހަރަކާތްތައް ތަސްވީރުކޮށްދޭ ކުރެހުމެއް

އެހެންވެ، އޭނާގެ މުޅި ދުވަސް ހޭދަކުރަނީ ސްކޫލްގެ އެކި ހަރަކާތްތަކުގައެވެ. އެހެންނަމަވެސް ދެވަނަ ގެއެއްގެ ގޮތުގައި ބަލަމުން އައި ސްކޫލުންވެސް ހާނީއަށް ކުރިމަތިވީ ފުރައްސާރައެވެ. އެކުގައި ކިޔެވި ކުދިންގެ ފަރާތަކުންނެއް ނޫނެވެ. ކިޔަވާދިން މުދައްރިސުންގެ ފަރާތުންނެވެ.

އެއް ދުވަހު އެސެމްބްލީގައި ހުއްޓާ ލީޑިން ޓީޗަރު އެންމެ ކުރިމަތީގައި އަތުގަ ހިފާފަށް ދަމާފަ ގެންދިޔައި. ހެލްތު ރޫމްގަ ހުރި ލޯގަނޑު ދައްކާފަ ބުނީ 'ތިހިރަ ސިފަ ބަލާބަލަ'. ނުބެލުނީމަ މޫނު އަނބުރާފަ ބުނީ ބަލާށޭ. އެހެން ހުރިން އެއް ގަޑިއިރު ލޯގަނޑަށް ބަލަން ނުކެރިގެން

ހާނީ ބުނީ ދެ ޓީޗަރުންގެ ދެމެދުގައި ދެކެވޭ ވާހަކަތައް ވެސް ބައެއް ފަހަރު އަޑުއިވޭ ކަމަށެވެ. އަދި ބައެއް ޓީޗަރުން އޭނާގެ ޔުނީފޯމުގައި ރޫގިނަ ކަމުން، އޭނާ ހުންނަލެއް 'ހަޑި' ކަމުން މަލާމާތްކުރި އަޑުވެސް އިވުނު ކަމަށެވެ. ހާނީ ބުނިގޮތުގައި އޭގެ ފަހުން އަމިއްލަ ސިފަ ބަލަން ފަސްޖެހެވެއެވެ. އުމުރުން އެންމެ 11 އަހަރުގައި ދިމާވި ކަންކަމުގެ ސަބަބުން މިއަދުވެސް އަމިއްލަ ސިފަ ބަލަން އޭނާއަށް އުނދަގޫވެއެވެ. އެހެންމީހަކު އޭނާ އާއި މެދު ރަނގަޅު ނިޔަތެއް ގެންގުޅެފާނެ ކަމާ މެދު ވެސް އަބަދު ޝައްކުކުރެވެއެވެ.

އެހާހިސާބުން، އޭނާގެ ކިޔެވުމާއި، އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ވެސް ވެއްޔާ މޮޑެވުނީއެވެ.

ބައްޕަގެ ނުފެންނަ ފަޅި: ހާނީގެ ހިތް ހަލާކު

ހާނީއަށް 13 އަހަރުގައި އޭނާގެ މަންމަ އާއި ކޮއްކޮމެންވެސް މާލެ ބަދަލުވިއެވެ. އެހެންނަމަވެސް އެ އުފާވެސް މާގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔައެވެ.

ހާނީ ބުނީ ކޮންމެ ކުއްޖެއްގެ ވެސް ހީރޯ އަކީ އެ ކުއްޖާގެ ބައްޕައާއި މަންމަ ކަމަށެވެ. ހާނީއަށް އޭނާގެ ހީރޯއަކަށް ވީ އޭނާގެ ބައްޕައެވެ. ބައްޕައާއި އޮތް ގުޅުން އޭރުވެސް މާ ރަނގަޅު ނޫންކަން ފާހަގަކޮށް ހާނީ ބުނީ ދެން  ފެނުނީ ބައްޕަގެ ފަރާތުން ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށެވެ. މުޅި އާއިލާ އެއް ފުރާޅެއްގެ ދަށުގައި އުޅެން ފެށުމުން ބައްޕަގެ އަސްލު ސިފަ ފެނިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.

ބައްޕަ އަނިޔާކުރަން ފެށީ އޭނާގެ ކޮއްކޮ މެންނަށެވެ. ކުދި ކުދި ކަންކަމާ މަންމަ އާއި ވެސް ޒުވާބުކޮށް އަނިޔާކުރަން ފެށީއެވެ. ހާނީ ބުނީ ބައެއް ދުވަސް ދުވަހު، ގޭތެރޭގެ ހާލަތު ގޯސްވެ، އިތުރު ގޮތެއް ނެތިއްޔާ، ބައްޕަ މަރާލަން ހެޔޮ ކަމަށް ވަޅި ވެސް ހިފައިގެން ހުރެވޭ ކަމަށެވެ.

ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއްގެ ހަރަކާތްތައް ތަސްވީރުކޮށްދޭ ކުރެހުމެއް

މަންމަގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަން އެނގި ހުރެވެސް މަންމަ ގާތު ވަރިވާން ހާނީ ރޮއެފައި އާދޭސް ކުރިއެވެ. އެކަކަމު މަންމަގެ ޖަވާބަކަށް ވީ 'އެއީ ހާނީއާއި ބެހޭ ކަމެއް ނޫން" މިއެވެ. އެހިސާބުން، ހާނީއަށް އެނގުނީ އޭނާ ރައްކާތެރިކޮށްދޭން ތިބި މީހުންގެ ފަރާތުން އެ ހިމާޔަތާއި ލޯބި ނުލިބޭނެ ކަމެވެ.

ދުނިޔޭގައި އުޅެގެން ލިބޭނެ އުފަލެއް ނެތް ކަމަށް ހާނީއަށް ހީވާން ފެށީ އުމުރުން އެންމެ 13 އަހަރުގައެވެ. އޭރު އެ ހީވި ހީވުމުގެ ސަބަބުން، އެތައް ފަހަރަކު ނަފްސަށް އަނިޔާދޭން މަސައްކަތް ވެސް ކުރެވުނެވެ. ކޮންމެ ދުވަހަކު ނިދެނީ ރޯން އޮއްވާ ކަމަށް އޭނާ ބުންޏެވެ. މަންމަ ގާތު އެތައް ފަހަރަކު ކިޔާދޭން މަސައްކަތް ކުރެވުނު ނަމަވެސް، ދިއްކުރީ ބީރު ކަންފަތެއް ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދެވިދާނެ ކަމަށް ބިރުން ކޮންމެ ދުވަހަކު ރޯން އޮތް ކުޑަކުޑަ ހާނީ ފެނުނީ ކާކަށް ހެއްޔެވެ؟ އޭނާގެ އާދޭސް އަޑުއެހީ ކާކު ހެއްޔެވެ؟

މިހާރު ގަބޫލެއް ނުކުރެވޭ!

ހާނީއަށް ކުޑައިރު ދިމާވި ކަންތައްތަކުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރަމުންދާކަން އޭނާ އަށް ވެސް ގަބޫލުކުރެވުނީ ވަޒީފާގެ މައިދާނަށް ނުކުތް ފަހުންނެވެ. އަދާކުރަމުންދާ ވަޒީފާގެ ގޮތުން އޭނާ އަށް އިޖުތިމާއީ ކަންކަމަށް ލޯހުޅުވި، އަމިއްލަ މައްސަލަތައް ވެސް ފެންނަން ފެށީއެވެ. ބައެއް ދުވަސްދުވަހު އެނދުން ނުތެދުވި، ގައިގައި ވަރެއް ނެތި އޮންނަން ޖެހުމަކީ އެންމެންނަށް ކުރިމަތިވާ ކަންކަމެއް ނޫންކަން އެނގެން ފެށީ އެހިސާބުންނެވެ. ރޭގަނޑު ނުނިދި، އަބަދު ކަންކަމާ ވިސްނާ، ރޯން އިނުމަކީ އާދައިގެ ކަމެއް ނޫން ކަން އޭނާ އަށް އެނގުމުނު ހިސާބުން އެހީ ހޯދަން ބޭނުންވިއެވެ. ހާނީ ބުނީ އާއިލާގެ ފަރާތުން މާބޮޑު އެހީތެރިކަމެއް ނުލިބޭނެކަން އެނގޭތީ، ޑޮކްޓަރަށް ވެސް ދެއްކީ ސިއްރުން ކަމަށެވެ. އެހެންނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ، މަންމައަށް ކޮންމެވެސް ގޮތަކުން ނަފްސާނީ ބައްޔަށް ފަރުވާ ކުރާކަން އެނގުނީއެވެ.

ހާނީ ބުނީ މަންމަގެ ސުވާލުތަކުން ހިތް ފަޅައިގެން ދިޔަ ކަމަށެވެ. ދޭނެ ޖަވާބެއް ނޭނގި، ހުންނަން ޖެހުނީ ކަމަށް އޭނާ ރޮއެފައި ބުންޏެވެ.

މިހާރު މަންމަ އަހަނީ ކީއްވެހޭ ޑިޕްރެޝަނަށް ދާންވީ. އަދިވެސް ގަބޫލުކުރާކަށް ބޭނުމެއް ނުވޭ މަންމަމެންގެ ވެސް އަމަލުހުރި ގޮތުން ކަން އަހަންނަށް މިހެންވީ. އަހަރެން ސަލާމަތްކޮށްދޭން އާދޭސް ނުކުރިޔަސް، އަހަރެން އޭރު ދެއްކި ވާހަކައެއްގައި އަގެއް ނެތް ކަން އަހަންނަށް ކިޔާދިނީމަ އެހީ އަށް ނޭދުނީ

ހާނީ ބުނިގޮތުގައި މިއަށް ވުރެ މާ ބޮޑެތި ކަންތައްތަކާއި ވެސް އޭނާއަށް ކުރިމަތިލާން ޖެހުނެވެ. އެހެންނަމަވެސް އެއްވެސް މީހެއް ކައިރީ ދައްކަން ބޭނުންނުވަނީ، އޭރު ނުލިބުނު އެހީ މިއަދު ލިބޭނެ ކަމަށް ގަބޫލުނުކުރެވޭތީއެވެ. އެއީ މިހާރުވެސް އޭނާއަށް ލިބޭ ޖަވާބު ތަކުންނެވެ.

އަމިއްލަ އަށް މަރުވާން ބޭނުންވަނިއްޔޭ؟ ކޮބާ އީމާންތެރިކަން؟ ހާނީ އަމިއްލަ އަށް މަރުވެގެން ގޮއްސަ އޮންނާނީ ނަރަކައިގަތަ؟ ތިއަށް ވުރެ މާ ހާލުގަ ވެސް މީހުން އެބައުޅޭ. އެކަމަކު މަރުވާކަށް ހިތަކަށް ނާރާ

ހާނީ ބުނީ އޭރު އޭނާ ދެއްކި ވާހަކަތައް އެއްވެސް މީހަކަށް ގަބޫލުކުރެވުނު ނަމަ، މިއަދު މިހާލުގައި އުޅޭކަށް ނުޖެހުނީހެވެ. އަމިއްލަ އަށް މަރުވާން އެ އަންނަ ޚިޔާލުތަކުގެ ސަބަބުން އެނދުން ނުތެދުވި އޮފީހަށް ސަލާން ބުނާކަށް ނުޖެހޭނެއެވެ. އަމިއްލަ ނަފްސަށް އަނިޔާއެއް ދެވިދާނެތީ އެ ބިރުވެރިކަމުގައި އުޅޭކަށް ނުޖެހުނީހެވެ.

މިއަދު ވެސް ހާނީގެ ތަކުލީފު، އޭނާގެ މަންމައަކަށް ގަބޫލެއް ނުކުރެވެއެވެ. އަދިވެސް ސުވާލުކުރަނީ ތިހެން ވާން ޖެހެނީ ކީއްވެގެންތޯއެވެ. ޑޮކްޓަރު ބޭސް ދިނުމުން ވެސް، އެއީ މަންމަ އަށް ގަބޫލުކުރަން ވަރަށް ދަތިކަމަށްވިއެވެ. ނަފްސާނީ ބޭސްކާނަމަ، 'މޮޔަވެދާނެ' ކަމަށް ޒާމާނުއްސުރެ އޮންނަ ވިސްނުމުގެ ސަބަބުން ކަމަށް ވެދާނެއެވެ.

އަދިވެސް މަންމަގެ ދަރިފުޅު ބަލިކަމަށް ގަބޫލުނުކުރެވެނީ ކަންނޭނގެ. ނޫނީ މަންމަ މެންގެ ސަބަބުން ދަރިއަކަށް އެހެންވެދާނެ ކަމަށް އެކްސެޕްޓް ކުރަން ބޭނުން ނުވަނީ ކަމަށް ވެދާނެ.

މިއަދު ހާނީ އޭނާގެ މައިންބަފައިންނާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. މިހާރު މަންމެން ޝަކުވާ ކުރަނީ އަމިއްލަ ގޭގައި 'ދުވަހު ކުއްޔަށް އުޅޭ މީހެއް' ހެން އުޅޭތީއެވެ. އެކަމަކު ދެން އޭރު ނުލިބުނު ލޯތްބެއް ހޯދަން އާދޭސް ކުރަން ބޭނުންނުވާ ކަމަށް ހާނީ ބުނެއެވެ.

ހާނީ ބުނަނީ އޭނާގެ ތަޖުރިބާއިން ހިތްވަރު ލިބިގެން 'ސްޓްރޯންގް' މީހަކަށް ވެވުނު ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއްވެސް ކުއްޖަކަށް އެ އުމުރުގައި 'ސްޓްރޯންގް' ވާކަށް ނުޖެހޭނެއެވެ. ކުޑަކުދިންނަކީ މުޅި މުޖުތަމައުގެ އަމާނާތަކަށްވާއިރު، އެއްވެސް ކުއްޖަކަށް އެފަދަ ކަންތައްތަކާއި ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހާނީއަށް ދިމާވި ހިތްދަތިކަން އެހެން އެއްވެސް ކުއްޖަކު ތަހައްމަލުކުރާކަށް އޭނާއެއް ނޭދެއެވެ. އޭނާ އެދެނީ އެކުދިން ދައްކާ ވާހަކަތަކަށް މައިންބަފައިން ސަމާލުކަން ދިނުމަށެވެ އަދި އެކުދިންގެ ފަރާތުން ޑިޕްރެޝަން ނުވަތަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް އެހީ ހޯދައިދިނުމަަށެވެ. އަދި ފަރުވާ އަކީ ލަދުވެތި، އަދި ދެރަކަމެއްގެ ގޮތުގައި އެކުދިންނަށް ކިޔާނުދިނުމަށެވެ.

2
0
0
3
0

1 ކޮމެންޓް

  1. ވަރަށް ވެސް ފުރިހަމަ ލިޔުމެއް..!!!
    އުއްމީދަކީ ހަނާ އަށް ރަގަޅު ގޮތް މިންވަރު ކުރެއްވުން!. އާމީން!.
    ކެތްތެރިކަމާއި ވިސްނުންތެރި ކަމާއެކު ކަންތައް ކުރުމުގެ ހެޔޮ ނަސީބު ހަނާ އަށް ދެއްވާށި!!. އާމީން

ކޮމެންޓް

Your email address will not be published. Required fields are marked *

0 %