ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެން ހައިކޯޓުން އަނެއްކާވެސް ދެކޮޅު ހަދައިފިއެވެ.
އަލީގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެންމެ ފުރަތަމަ އެދުނީ ކްރިމިނަލް ކޯޓުގައެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުން ނިންމީ އަލީ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ އިސްތިއުނާފްކުރީ ހައި ކޯޓުގައެވެ. މިއީ ހައިކޯޓުން މި މައްސަލައިގައި ގޮތް ނިންމި ތިން ވަނަ ފަހަރެވެ. އަދި މިއިން ކޮންމެ ފަހަރަކު ހައިކޯޓުން ވަނީ އަމުރުނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.
އަމުރު ނެރެދެވެން ނެތް ސަބަބެއްގެ ގޮތުގައި ހައި ކޯޓުން ބުނީ އެފަދަ އަމުރެއް ނެރެދެވޭނީ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފަހައްޓަން ބޭނުންވާ މީހާ ދިވެހިރާއްޖޭގެ އިހްތިސޯސުން ބޭރުވުމުގެ ކުރިން ކަމަށްވާތީއެވެ.
ޖިންސީގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް، އިމިގްރޭޝަން ކުށްތަކެއްގައި ހައްޔަރުކޮށްފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ، 2 މަސް ދުވަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް އޭނާގެ މައްޗަށް އިއްވާފައެވެ. އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނުން ފުލުހުންގެ ކިބައިން އެދިފައިވާއިރު، އޭނާ ރާއްޖެ ގެނެވޭނީ އިނގިރޭސިވިލާތުން ޑީޕޯޓްކޮށްލުމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
އަލީ ވަޙިދަށް ދައުވާކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ. މި މައްސަލަތަކުގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޖުމްލަ 7 ދައުވާއެކެވެ.
އަލީ ވަހީދު ރާއްޖެއިން ފުރައިގެން އިނގިރޭސި ވިލާތަށް ގޮސްފައި ވަނީ ބޭސްފަރުވާއަށް ކަމަށްވާއިރު، އޭނާ އިނގިރޭސިވިލާތަށް ދިއުމަށް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހުގެ މުައްދަތަށް، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައެވެ.
ބިރުގަތީދޯ