ނިންޖަކީ ކޮންމެ އިންސާނަކަށް ވެސް ދިރިއުޅުމުގައި އެންމެ މުހިންމު އެއް ކަންތަކެވެ. ހަމަ ނިދި ހަމަކުރުމަކީ ކިހާ މުހިންމު ކަމެއްކަން ހަގީގަތުގައި އަޅުގަނޑުމެންނަށް ވިސްނައިނުގަނެވުނުނަމަވެސް ނިދި ހަމަނުވެ ގިނަ ދުވަސްވަމުންދާނަމަ ނޭނގި ނަމަވެސް އޭގެ ނޭދެވޭ އެތައް އަސަރުތަކެއް ދިރިއުޅުމުގެ ތެރެއިން ފެނެއެވެ. އެކަމަކު މީގެ ތެރެއިން ބައެއް ކަންކަމަކީ އެހެނިހެން ކަންކަމުން ވެސް ކުރިމަތިވެދާނެ ކަންކަމަށް ވާތީ އެއާ ނިންޖާ ގުޅުވާނުލެވޭ ފަހަރު އާދެއެވެ. ނުވަތަ ބައެއް ފަހަރު އެއީ ކިހިނެތް ވެގެންވާ ކަމެއްކަން ނޭނގޭ ފަހަރު ވެސް އާދެއެވެ.

މިސާލަކަށް އޮފީސް މާހައުލަށް ބަލާލަމާ ހިނގާށެވެ. ހެނދުނު ހެނދުނާ އޮފީހަށް ދާއިރު، ތަންކޮޅެއް ރުންކުރު ނުވަތަ އާދައިގެ ގޮތަކަށް ބުނާނަމަ "ތުން ދަމައިގެން" އިން މީހަކު ފެނިދާނެއެވެ. އާންމުކޮށް ގިނަ މީހުން ނިންމަނީ އޭނާގެ މޯނިންގ ކޮފީ އަދި ނުބޮވެނީ ކަމަށެވެ. ނޫނީ ގޭތެރޭގައި މާހައުލު ގޯހީ ކަމަށެވެ.

ގިނަ ފަހަރު އެ ރުޅި ނުވަތަ އިރިޓޭޝަން މުޅި ދުވަހަށް ދެމިގެން ގޮސް އޭގެ ނޭދެވޭ އަސަރު އެކީގައި މަސައްކަތްކުރާ މުވައްޒަފުންނާ އޮންނަ ގުޅުމަށް ކުރާތަން ފެނެއެވެ. މިކަން އާންމުކޮށް ދިމާވާނީ ރޭނިދި ހަމަނުކޮށް އޮފީހަށް ދާ މީހާއަށެވެ. ނިދި ހަމަނުވުމަކީ މީހާގެ މުޅި މޫޑު ހަރާބު ކޮށްލާ ދުވަސް ހަލާކުވެ ރުންކުރުވާ ކަމެކެވެ.

މިއީ ނިދި ހަމަނުވެ ކުރު މުއްދަތެއްގެ ތެރޭގައި ފެންނަ އަލާމާތްތަކެވެ. މާ ގިނައިން އާ ފުރުމާއި، ރުން ކުރުވުމާއި، މޫޑު ސަކަރާތްވުމަކީ ހުސް އެފަދަ އަލާމާތެވެ. އެކަމަކު ނިދި ހަމަނުވާތާ ގިނަ ދުވަސްވަމުންދާ ވަރަށް އިންސާނާގެ ހަށިގަނޑުގެ ފަންކްޝަނިން އަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރުވައެވެ. މިސާލަކަށް ހަނދާން ނެތޭ ބަލި ޖެހުމަކީ ވެސް ނިދި ހަމަނުވާ ނަމަ ކުރިމަތިވާ މައްސަލައެކެވެ. ނޫނީ ބައެއް ފަހަރު ނިދި ހަމަނުވެ މާ ގިނަ ދުވަސްވާ މީހާ އަށް ވާނުވާ ނޭނގި ކުރެވޭ ކަންކަން ހަނދާން ނެތި ބައެއް ފަހަރު މަސްތުގެ ހާލަތުގައި ހުންނަ މީހެއްގެ ފަރާތުން ފެންނަ ފަދަ އުޅުން ވެސް ފެނެއެވެ. މިއީ އިންސާނާގެ ސިކުނޑި ހަމައަށް މަސައްކަތް ނުކުރާ ކަމުގެ ހެކިތަކެވެ.

ދެން އޮތީ އެންމެންގެ ކަންބޮޑުވުން އެކަމަކާ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމެކެވެ. ގައިގަ ބޭކާރު މަސް ޖަހާ ފަލަވެ ސަރުބީ ގިނަވެ ހަދާނެ ގޮތް ހުސްވެފައިވާ މީހުން ރާއްޖޭގައި ވެސް އަދި ދުނިޔޭގެ ނިސްބަތުން ވެސް މަދެއް ނޫނެވެ. އެކަމަކު އެއްވެސް ބަޔަކަށް ނުވިސްނި އޮތް ކަމަކީ ފަލ ވުމަކީ ހަމައެކަނި ކާ އެއްޗަކުން ވާ ކަމެއް ނޫން ކަމެވެ. ބައެއް ފަހަރު ބަލިތަކުގެ ސަބަބުން ވެސް ފަލަވާ ވާހަކަ އަޑު އިވެއެވެ. ހަގީގަތުގައި މި ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ އިންސާނާގެ ހަށިގަނޑުގައި އުފައްދާ ހޯމޯންސްއާ އެވެ.

ނިންކަޖީ ހޯމޯންސް ބެލެންސްކުރުވާ ކަމެކެވެ. ހަމަ ނިދި ނުލިބުމަކީ ހޯމޯންސް އަށް އެކި ކަހަލަ ބަދަލުތައް އަންނާނެ ކަމެކެވެ. ބައެއް ފަހަރު ހުންނަން ޖެހޭ ވަރަށް ވުރެ ދަށްވެދާނެ އެވެ. އަނެއް ބައި ފަހަރު ގިނަ ވެސް ވެދާނެއެވެ. މީގެ ސަބަބުން ބޭނުންނުވާ ގޮތްގޮތަށް ބޭކާރު އެތައް މަހެއް ގައިގެ އެކިތަންތަނުގައި ޖަހާ ގޮތްވެ ސިފަ ގެއްލޭ ވަރަށް މީހާ ފުފިގެންދެއެވެ.

އެހެންވީމަ ފަލަވެގެން ނުހިކިގެން އުޅޭ ނަމަ ނިދި ހަމަކުރަން ވިސްނާށެވެ. ކަންކަމާ މާ އަވަހަށް ކަންބޮޑުވެ ރުންކުރުވާ ނަމަވެސް ނިދި ހަމަކޮށްލާށެވެ. މާ ބޮޑަށް ބޮލުގަ ރިއްސާ ނަމަވެސް ނިދާލާށެވެ. ނިންޖަކީ ހީނުކުރާހާ ގިނަ ކަންތައްތަކެއްގެ ހައްލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.