މިނިސްޓަރ މަޙްލޫފް (ކ) އަދި ޕީޖީ ޝަމީމް (ވ): ޖަޒީރާ ގްރެފިކްސް

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް ދައުވާކުރުމާ މެދު ގޮތެއް ނުނިމި، މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮންނަތާ 113 ދުވަސް ވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާއި ދެކޮޅަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާ ވަނީ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

މި މައްސަލައިގައި މަހުލޫފް ހުންނެވީ ޕީޖީ އޮފީހުން އޭނާއާ ދެކޮޅަށް ދައުވާކޮށްފިނަމަ، މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިގެންނެވެ. އެހެންނަމަވެސް، އޭނާ ވަނީ ޕީޖީ އޮފީހުގެ ތެރޭގައި ކަންތައްތައް ގޯސްކޮށް ހިނގާ ކަމަށް ވިދާޅުވެ، އެ ނިންމުން ބަދަލުކުރެއްވިކަން ހާމަކުރައްވާފައެވެ.

މިފަދަ މައްސަލަތަކުގައި އެވްރެޖްގޮތެއްގައި ހަ ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމި ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ 113 ދުވަހަށް ވުރެ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

މައްސަލައިގެ އަޕްޑޭޓެއް ހޯދާލުމަށް ޕީޖީ އޮފީހާއި ގުޅާލުމުން ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މަހުލޫފަށް ދައުވާކުރުމާ މެދު ގޮތެއް ނިންމޭނީ ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް ހޯދުމަށްފަހު ކަމަށެވެ.

'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ މި މައްސަލައިގައި ވަރަށް ބައިވަރު ވާހަކަ ދެއްކިއްޖެ ކަމަށާއި މިހާރު އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ޕީޖީ އޮފީހުން ކުރިން ވެސް ބުނެފައިވަނީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެކި ގަރީނާއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއްކަން ކަށަވަރު ކުރާނެ ކަމަށެވެ. އަދި މަހުލޫފްގެ މައްސަލައިގައިވެސް އެކަން ކަށަވަރުކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.