ސަރުކާރު ކުންފުނިތަކުގައި އަދިވެސް އޮތީ ކޮރަޕެޝަނަށް މަގުފަހިވާ، މައުލޫމާތު ސިއްރުކުރުމުގެ ސަގާފަތެއް ކަމަށް ބުނެ މައުލޫމާތު ހޯދާ ލިބިގަތުމަށް ކުރިމަތިކުރަމުން އަންނަ ހުރަސްތައް ނައްތާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގައި ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހިންގުމުގެ ނިޒާމު އެތުރިފައިވާގޮތުން، ރައްޔިތުންނަށް ގާތުން އަސާސީ ހިދުމަތްތައް ދިނުމުގައި މައިގަނޑު ދައުރެއް އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަތްމަތީގައި ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާމަކަމާއި ހުޅުވިފައިވާ މިންވަރު އަންގައިދޭ އެއްޗަކީ އާންމު ރައްޔިތުންނަށް އެ މުއައްސަސާތަކުން މައުލޫމާތު ހޯދާ ލިބިގަތުމަށް ފަސޭހަވެފައިވާ މިންވަރު ކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ނުވަންނަަކަމަށް ބުނެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ގޮންޖެހުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ދައުލަތުން ސީދާ ގޮތުން ނުވަތަ ސަބްސިޑީޒްގެ ގޮތުގައި ފައިސާ އާއި ވަސީލަތްތައް ލިބޭ، އަދި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ މުއައްސަސާތައްކަން ފާހަގަކޮށް ޓްރާންޕޭރެންސީން ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަންނަކަމަށް ބުނަމުންދާ ބުނުމަކީ މިޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މުއައްސަސާއެއްގެ ހާމަކަން އިތުރުކުރުމާއި އެންމެނަށް ފަސޭހައިން މައުލޫމާތު ހޯދާ ލިބިގަނެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮތުން ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ. އެގޮތުން، 27  ޖޫން 2019 ގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާގައި ކުންފުނިތަކުގެ އިސްވެރިން، ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ތަންނުދިނުމަށާއި ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެކަމަށް އިގުރާރުވި އިގުރާރުވުން އެ ޖަމިއްޔާއިން ހަނދާންކޮށްދީފައިވެއެވެ.

ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ އަސާސީ ހިދުމަތްތައްދޭ، ރައްޔިތުންގެ ހިއްސާއޮންނަ، ރައްޔިތުންގެ ކުންފުނިތަކުން މައުލޫމާތު ހާމަކޮށް ފޯރުކޮށްދިނުމަށް ދެކޮޅުހަދާ ދެކޮޅުހެދުންތައް ހުއްޓާލާ، މައުލޫމާތު ހޯދުމަށް ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތާލުމަށް ގޮވާލާފައެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަހުގެ ޝިއާރަކީ "ފަރުމާކުރުމުގައިވެސް ހުޅުވިފައިވުން: ސަރުކާރުގެ ހާމަކަން އެންމެނަށްވެސް ފެންނަގޮތަށް" އޮތުމެވެ. ޓްރާންސްޕޭރެންސީން ބުނިގޮތުގައި މިއަހަރުގެ ޝިއާރުން އަންގައިދެނީ އިސްނަގައިގެން މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.