ދައުލަތުން އެސްއޯއެފް އަށް ދައުވާނުކުރަން ނިންމީ އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލާގައި އެކަނި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި ރައީސް ޔާމީންގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވަނީ އެސްއޯއެފް އަށް ދައުވާނުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ނިންމީ އެ މައްސަލާގައި އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާތީ ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީއު ވިދާޅުވީ ވަކީލުން ކޯޓުގައި ވިދާޅުވި އެއްޗެއް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ. އެ އަޑު އެހުމަކީ ރައީސް ޔާމީން އަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމެއްގެ އިސްތިއުނާފް އަޑުއެހުން ކަމަށާއި، އެހެންވެ އެ އަޑުއެހުމުގައި ދެއްކީ ހަމައެކަނި ރައީސް ޔާމީންއަށް ކޮށްފައިވާ ދައުވާއާ ގުޅުންހުރި ވާހަކަ ކަމަށެވެ.

ޝަފީއު ވިދާޅުވީ ވަކީލުން އެ ވިދާޅުވާ ނިންމުމަކީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ އެސްއޯއެފްގެ ޓްރާންސެކްޝަންއާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ މުޅި އެމްއެމްޕީއާރްސީ މައްސަލާގައި ދައުވާނުކުރަން ނިންމީ ނޫން ކަމަށް އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ރައީސް ޔާމީންއަށް ފައިސާ ފޮނުވި މައްސަލާގައި އެސްއޯއެފް އަށް ދައުވާ ނުކުރުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނިންމަވާފައިވާ ނިންމެވުމެކެވެ. އެހެންވެ ދައުލަތުން މިހާރު ވެސް ކުރިއަށްދަނީ އެ ނިންމުމާ އެއްގޮތަށް ކަމަށާއި، އެމްއެމްޕީއާރްސީއާ ގުޅުންހުރި އެހެން މައްސަލަތަކުގައި އެސްއޯއެފް އަށް ދައުވާ އުފުލޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އިސްލާމިކް ބެންކު އެކައުންޓަށް ޖާމާކުރި ފައިސާ އަކީ ވައްކަންކޮށްގެން ހޯދި ފައިސާކަން އެނގިވަޑައިގެން ހުންނަވާ އެ ފައިސާއިން ބޭނުންކޮށްފައިވާތީ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަށެވެ.

އެހެންނަމަވެސް އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް އެކަމަށް އިންކާރުކުރައްވަމުންނެވެ. އެންމެ ފަހުން އިއްޔެ ބޭއްވި ޝަރީއަތުގައި ވެސް އެމަނިކުފާނު ވިދާޅުވީ އެ ފައިސާ އަކީ އެކަހަލަ ފައިސާއެއްކަން 2018 ވަނަ އަހަރުގެ ފެބްރުއަރީ އާ ޖެހެންދެން ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ އަދީބު އެމަނިކުފާނަށް ދެއްވި ފައިސާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.